މެމްބަރު އާޒިމްގެ މައްޗަށް ދައުވާކޮށް، ކޯޓަށް ހާޒިރުވާން އަންގައިފި
ދައުލަތުން ދައުވާ ކުރަން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަދާމާ ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ. އިދިކޮޅު އެމްޑީޕީ ތަމްސީލުކުރައްވާ އާޒިމް މިރޭ "ހަވީރަ"ށް ވިދާޅުވީ މާދަމާ ހެނދުނު 9:00 ކޯޓަށް ހާޒިރުވުމުގެ އަމުރު މިއަދު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ އަމުރުގައިވާ ގޮތުން އޭނާ ކޯޓަށް ހާޒިރުކުރަނީ، އާޒިމް ވިދާޅުވި ގޮތުގައި، ދައުލަތުން ހުށަހަޅާފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ދައުވާއާ ބެހޭ މައުލޫމާތު ދިނުމަށެވެ. ނަމަވެސް މި ދައުވާގެ ޝަރީއަތް އަދި ތާވަލުކޮށްފައެއް ނުވެ އެވެ. އާޒިމްގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ދައުވާ ދައުލަތުން ކޯޓަށް ހުށަހަޅާފައި ވާއިރު، މިދިޔަ ފެބްރުއަރީ 27 ގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން އޭނާ ހައްޔަރުކޮށްފައިވެ އެވެ. އަދި އެ މައްސަލަައާ ގުޅިގެން އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފަ އެވެ. ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ކުށުގެ އަދަބަކީ 12،000 ރުފިޔާ އިން ޖޫރިމަނާ ކުރުން ނުވަތަ ހަ މަސްދުވަހަށް ޖަލަށްލުމެވެ. އެހެންވެ، އާޒިމްގެ މައްޗަށް މި ދައުވާ ސާބިތު ވިޔަސް، އޭނާގެ މެމްބަރު ކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ