ތިން ވަނަ ފަހަރަށް ޗިޓް ފޮނުވުމުން ވެސް އަބްދުﷲ ގާޒީ ހާޒިރެއް ނުކުރި
ސިފައިން ބަންދުކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައި ކޯޓަށް ހާޒިރުކުރުމަށް ތިންވަނަ ފަހަރަށް ސިފައިންނަށް ޗިޓް ފޮނުވުމުންވެސް މިއަދު އޭނާ ހާޒިރެއް ނުކުރި އެވެ. ހައި ކޯޓުން ސިފައިންނަށް ޗިޓް ފޮނުވާފައި ވަނީ މިއަދު 00: 16 އަށް ހައި ކޯޓަށް ހާޒިރު ކުރުމަށެވެ. މިކަމާ ގުޅިގެން ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް ވިދާޅުވީ މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ހައި ކޯޓުން އަޅާނެ ކަމަށެވެ. މިއީ އަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމުމާގުޅިގެން އެ މައްސަލަ އަބްދުﷲ ގާޒީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން މައްސަލަ ބެލުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އަމުރުކުރުމުން ޖޭއެސްސީގެ ފަރާތުން ހައި ކޯޓަށް އިސްތިއުނާފްކުރާ މައްސަލަ އެވެ. މި މައްސަލައިގައި މީގެ ކުރިން ދެ ފަހަރަށް ޗިޓް ފޮނުވުމުން ވެސް އަބްދުﷲ ގާޒީ ހާޒިރުކޮށްފައެއް ނުވެއެވެ. އަދި ޖޭއެސްސީގެ ނިންމުން ބާތިލްކޮށްދިނުމަށް އެދި ގާޒީ ހުށަހަޅުއްވާފައިވާ މައްސަލައިގެ ޝަރީއަތަށް ސިވިލް ކޯޓަށް އޭނާ ހާޒިރުނުކުރުމުން އެ ޝަރީއަތް ވެސް މިއަދު ނުބޭއްވުނެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި އޭނާ ދޫކޮށްލުމަށް ހައި ކޯޓާ ސްޕްރީމް ކޯޓުން ވެސް ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އައިއިރު ވެސް ސިފައިން އެ އަމުރުތަކަށް ބޯލަނބައިފައެއް ނުވެއެވެ. .
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ