ފަނޑިޔާރު އަލީ ހަމީދުގެ މައްސަލައިގައި ކޮމިޓީން ރިޔާއަތްކޮށްފައިވަނީ އެއް ފަރާތަށް: ގާސިމް
ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ކަސްބީ އަންހެނުންނާ އެކު ޖިންސީ ގުޅުން ހިންގާ ކަމަށް ތުހުމަތުކުރެވޭ ވީޑިއޯގެ މައްސަލަ ބެލުމަށް ނަގާފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކޮމިޓީން ފޮނުވި ފުރަތަމަ ރިޕޯޓް ރިއާޔަތްކޮށްފައިވަނީ އެއް ފަރާތުގެ ވާހަކަ އަށް ކަމަށް އެ ކޮމިޝަނުން ވަކިވެފައިވާ ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. ޖުމްހޫރީ ޕާޓީގެ ކޯލިޝަނުން ރިޔާސީ އިންތިހާބަށް ވާދަކުރައްވުމާއެކު ޖޭއެސްސީން ވަކިވެފައިވާ ގާސިމް ވިދާޅުވީ ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ފަސް މެމްބަރުންގެ ކޮމިޓީގެ ރިޕޯޓް އެއްފަރާތަށް ޖެހިފައިވާ ކަމަށް އޭނާ ގަބޫލުކުރައްވާއިރު، އެކަމާ އިތުރަށް ސުވާލެއް ނުކުރެވޭނެ ކަމަށެވެ. "އެއީ އަޅުގަނޑު ނިންމާފައިވާ ގޮތް. އެކަމާ ސުވާލެއް ނުކުރެވޭނެ އެހެން މީހަކަށް އިނގޭތޯ؟ އެއީ އަޅުގަނޑުގެ ރައިޓް. އިނގޭތޯ އަޅުގަނޑުގެ ހައްގު އެއީ،" ޖުމްހޫރީ ޕާޓީގެ ޖަގަހަ، މ. ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ގާސިމް ވިދާޅުވި އެވެ. އެ ވީޑިއޯއަކީ އަލީ ހަމީދު ބްލެކްމެއިލް ކުރުމަށް ބަޔަކު ކޮށްފައިވާ ކަމެއް ކަމަށާއި ނަމަވެސް ކޮމިޓީން އެކަންކަމުގެ މައްޗަށް ބައްލަވާފައި ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ. ފަނޑިޔާރު ސަސްޕެންޑްނުކޮށް ބައެއް ކަންކަން ސާފުކުރަން ފޮނުވީ ފުރިހަމަނުވާ ކަންކަން ހުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އަލީ ހަމީދު ބްލެކްމެއިލް ކުރުމަށްޓަކައި އެސްއެމްއެސް ފޮނުވާފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަލީ ހަމީދު ސަސްޕެންޑްކުރަން ކޮމިޓީން ފޮނުވީ، ވީޑިއޯ ބަލާފައި ނުވަތަ ފުލުހުން ބުނި އެއްޗެއްގެ މައްޗަށް ބަލާފައި ކަމަށާއި ނަމަވެސް "ވީޑިއޯއަކީ ހެދޭ އެއްޗެއް ސައުންޑަކީ ވެސް ހެދޭ އެއްޗެއް" ކަމަށް ގާސިމް ވިދާޅުވި އެވެ. ކޮމިޓީގެ ތަހްގީގަކީ ފުރިހަމަ ތަހްގީގެއް ނޫން ކަމަށާއި އެހެންވެ އަލީ ހަމީދު ސަސްޕެންޑްކޮށްފި ނަމަ ދައުލަތް "ގާނޫނީ ހުސްކަމެއް"ގެ ތެރެއަށް ދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. "އިންކޮމްޕްލީޓް ތަހްގީގެއްގެ މައްޗަށް ބަލައި ސުޕްރީމް ކޯޓު ފަނޑިޔާރަކު މިވަގުތު ސަސްޕެންޑް ކޮށްފިއްޔާ މުޅި ގައުމު ގާނޫނީ ހުސްކަމެއްގެ ތެރެއަށް ވެއްޓިގެންދާނެ. މިއީ ކުޑަކުޑަ މައްސަލައެއް ނޫން. މުޅި ގައުމު ވެއްޓިގެން ދާނެ ގާނޫނީ ހުސްކަމެއްގެ ތެރެއަށް،" އޭނާ ވިދާޅުވި އެވެ. ފަނޑިޔާރަކާ ބެހޭ ގޮތުން ނެރެގެން އުޅެނީ "ދޮގު ވީޑިއޯ"އެއް ކަމަށް ކުރިން ވެސް ގާސިމް ވިދާޅުވެފައިވާ އިރު، އެ ނިންމުން އޭނާ މިއަދު ވެސް ބަދަލެއް ނުކުރައްވަ އެވެ. ނަމަވެސް ތަހްގީގުކުރަންޖެހޭ ފަރާތްތަކުން ބެލުމަށް ފަހު އެއީ ސައްހަ ވީޑިއޯއެއް ކަމަށް ބުނެފި ނަމަ "އިތުރަށް ބުނާނެ އެއްޗެއް ނޯންނާނެ" ކަމަށް އޭނާ ވިދާޅުވި އެވެ. އަލީ ހަމީދާ މެދު ވެސް ފިޔަވަޅު އެޅުމަށް އޭނާ ދެކޮޅު ނުހައްދަވާ ކަމަށް ގާސިމް ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ފިޔަވަޅު އަޅަންޖެހޭނީ ސާބިތުވާ ވަރަށް ހެކި ހުރެގެންނެވެ. ކުރިން ވެސް ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވާނީ ސާބިތުވާ ވަރަށް ހެކި ހުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އަލީ ހަމީދުގެ މައްސަލައިގައި ތަކުރާރުކޮށް ހަވީރުން ސުވާލުކުރުމުން ގާސިމް ވިދާޅުވީ ހަވީރުން ބޭނުންވަނީ އޭނާ ލައްވާ ވަކި އެއްޗެއް ވިދާޅުވުމަށް ކަމަށާއި އެގޮތަށް "ނުބޭނޭނެ" ކަމަށެވެ. "އަޅުގަނޑުމެން މިއުޅެނީ ވަކި މީހަކާ އަޅައިގަނެގެން ނޫން، ވަކި މީހަކު ހިމާޔަތްކުރުމަށް ވެސް ނޫން. ގާނޫނުގެ ހުރުމަތް ދަމަހައްޓާ ނެގެހެއްޓުމަކީ ތިބޭފުޅުން ބައެއް ފަހަރަށް ލިޔުއްވާހެން، ޓްވިސްޓްކޮށްގެން ލިޔާ ކަހަލަ އެއްޗެހި ލިޔާކަށެއް ނޫން އަޅުގަނޑުމެން މި އުޅެނީކީ. ވަރަށް ސާފުކޮށް މިދެންނެވީ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ