ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ މައްސަލަ ބަލާނަން: ޖޭއެސްސީ
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް މުހައްމަދު ފަހުމީ ހަސަންގެ ބަދަލުގައި އެހެން މެމްބަރަކު އައްޔަންކުރުމުގެ މައްސަލައިގައި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ މެދުގައި ހިޔާލު ތަފާތުވެ، ބަޔާންތައް ނެރުއްވި މައްސަލަ ބަލާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ. އެކޮމިޝަންގެ މީޑިއާ ކޯޑިނޭޓަރު ހަސަން ޒަހީން ވިދާޅުވީ އެ މައްސަލަ ޖޭއެސްސީގެ ލީގަލް ޓީމުން ދިރާސާކުރާނެ ކަމަށާއި ކޮމިޝަނުގެ ނިންމުމަށް އެ އެކަން ފޮނުވާނީ ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް އުޅޭ ކަމަށް ފެނިއްޖެ ނަމަ ކަމަށް ޒަހީން ވިދާޅުވި އެވެ. "ފަނޑިޔާރުންނާބެހޭ ގޮތުން މީޑިއާގައި ލިޔާ މައްސަލަތައް އަޅުގަނޑުމެން ދިރާސާކޮށް، ބަލަން. އެއަށް ފަހު މައްސަލަ ކޮމިޝަނަށް ފޮނުވާނީ. ތި މައްސަލަ ވެސް އެގޮތަށް ބަލާނަން،" ފަހުމީގެ މައްސަލައިގައި މިދިޔަ ހަފުތާގައި އުއްތަމަ ފަނޑިޔާރާއި ހަތަރު ފަނޑިޔާރަކާމެދު ހިޔާލު ތަފާތުވެ ބަޔާންތައް ނެރުނު މައްސަލައާ ގުޅޭ ގޮތުން ސުވާލުކުރުމުން ޒަހީން ވިދާޅުވި އެވެ. އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި މިދިޔަ ބުދަ ދުވަހު ރީނީ އަބްދުއްސައްތާރު ސީއެސްސީއަށް އައްޔަންކުރަން ހަމަޖައްސާފައިވަނިކޮށް އެކަން ހުއްޓުމުމަށް ސުޕްރީމް ކޯޓުން ނެރުނު "އެއްޗަކީ" އެމަނިކުފާނާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނަށް އެންގުމަކާ ނުލައި ނެރުނު އަމުރެއް ކަމަށެވެ. އަދި އެ އަމުރު ނެރުނީ އެފަދަ އަމުރުތައް ނެރުމުގެ އުސޫލުތަކާ ހިލާފަށް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެ އެވެ. އުއްތަމަ ފަނޑިޔާރުގެ ބަޔާނަށް ފަހު ސުޕްރީމް ކޯޓުން ނެރުނު ބަޔާނުގައި ބުނީ ފަހުމީ މަގާމުން ވަކިވެފައިވާ ކަމަށް މަޖިލީހުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް އެ ކޯޓުން ކަނޑައަޅާފައި ވަނިކޮށް އެ ހުކުމާ ޚިލާފަށް އެ މަގާމަށް މީހަކު އައްޔަންކުރުމަކީ ގާނޫނުއަސާސީއާ ހިލާފް ކަމަކަށް ވާނެތީ އެކަން ހިނގުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކުއްލި ޖަލްސާއެއް ބާއްވައިދިނުމަށް ބައެއް ފަނޑިޔާރުން އުއްތަމަ ފަނޑިޔާރަށް ދެންނެވި ކަމަށެވެ. ނަމަވެސް "އެފަދަ ޖަލްސާއެއް ބާއްވައިދިނުމަށް އުއްތަމަ ފަނޑިޔާރު ކަނޑައެޅިގެން އިންކާރުކުރައްވާފައި" ވާ ކަމަށް ބަޔާނުގައިވެ އެވެ. ރީނީ ހުވާކުރުން ހުއްޓުވުމަށް ސުޕްރީމް ކޯޓުން އަމުރު ނެރުނީ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީގެ އަޣުލަބިއްޔަތުންނެވެ. މި މައްސަލައަކީ ޖުޑިޝަރީއާމެދު އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމަކަށް ވާތީ، އެ މައްސަލައިގައި ކޮމިޝަންގެ ބައްދަލުވުމެއް ބާއްވައި ދިނުމަށް ޖޭއެސްސީގެ ތިން މެމްބަރަކު ހުށަހަޅުއްވާފައިވާ ކަމަށް ހަވީރަށް ވަނީ އެނގިފަ އެވެ. ނަމަވެސް އެ ފަދަ ބައްދަލުވުމެއް ނުބާއްވަ އެވެ. ޖޭއެސްސީން މި މައްސަލަ ބަލާނެ ކަމަށް ބުނެފައި ވާއިރު އެ ކޮމިޝަންގެ ރައީސް އާދަމް މުހައްމަދަކީ އުއްތަމަ ފަނޑިޔާރަށް އެނގިވަޑައިނުގެން ނެރުއްވި ކަމަށް ބުނާ "އަމުރު" ގައި ސޮއިކުރެއްވި ފަނޑިޔާރެކެވެ. އަދި އަމުރު ނެރުނު މައްސަލާގައި ހިމެނޭ ފަހުމީ އަކީ ސީއެސްސީގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރެކެވެ. އަދި ޖޭއެސްސީގައި އިންނަވާ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު ވަނީ ފަހުމީ އަށް ސީއެސްސީގައި ނުހުންނެވޭނެ ކަމަށް ލަފާ ދެއްވައިފަ އެވެ. އަދި ރީނީއާ މަގާމު ހަވާލުކުރަން ނިންމީ ބަންޑާރަ ނައިބު ރައީސް މުހައްމަދު ވަހީދަށް ލަފާ ދެއްވި ފަހުންނެވެ. ސީއެސްސީ އިން ފަހުމީ ވަކިކުރި މައްސަލައާ ގުޅޭ ގޮތުން އުއްތަމަ ފަނޑިޔާރަށް އެނގިވަޑައިނުގެން ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކު ނެރުއްވި "އަމުރަށް" ތަބާވާން ނުޖެހޭނެ ކަމަށް ގާނޫނީ ބައެއް ވަކީލުން ވިދާޅުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ