ހަވީރު ވިއްކާލުން މަޑުޖައްސާލުމަށް އަމުރުކޮށްފި

ވަކި ގޮތެއް ކަނޑައެޅެންދެން ހަވީރުގެ އިދާރާ ވިއްކާނުލުމަށް ސިވިލްކޯޓުން އަމުރުކޮށްފިއެވެ.
ސިވިލް ކޯޓުން މިގޮތަށް އަމުރުކޮށްފައިވަނީ ހަވީރު ނޫސް އެޖެންސީގެ ދަށުން ކުރާ ވިޔަފާރިތައް ވިއްކުން ވަގުތީގޮތުން ހުއްޓުވައިދިނުމަށް އެދި ހަވީރު ނޫސް އެޖެންސީގެ ކުރީގެ ދެ މުއައްސިސުން ކަމަށްވާ އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަން ކުރާ ދައުވާއާ ގުޅިގެންނެވެ.
ހަވީރު ގެ މިލްކުވެރިކަމާ މެދު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ކޯޓުން ހުކުމެއް ކުރަންދެން ނުވަތަ ޝަރީއަތުން ވަކި ގޮތަކަށް ކަނޑައަޅަންދެން، ހަވީރުގެ މިލްކިއްޔާތު ވިއްކާލުމުގެ އެއްވެސް ކަމެއް ނުކުރުމަށް ސިވިލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.
ސިވިލް ކޯޓަށް ހުށައަޅާފައިވާ ދައުވާގައި ބުނެފައިވަނީ 1983 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހަވީރު ނޫހާއި، ޗާޕްހާނާ އާއި، އެންމެހައި ވިޔަފާރި ހިންގަމުން އަންނަނީ ހަވީރުގެ ޗެއާމަން މުހައްމަދު ޒާހިރު ހުސެއިން އާއި އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު އަދި މުހައްމަދު ނައީމާއެކު ހަތަރު މީހުންނަށް އެއްވަރަށް ހިއްސާ އޮންނަ ގޮތައް ކަމަށެވެ.
މި ދައުވާގައި ބުނެފައިވަނީ އެ އެއްބަސްވުމުގައިވާ ގޮތުން ހަވީރުގެ މުދަލާއި ލިބޭ ފައިދާ ބަހަން ޖެހެނީ ހަތަރު މުއައްސިސުންގެ މެދުގައި އެއް ހަމައެއްގެ ދަށުން ކަމަށްވާއިރު މިހާތަނާ ޖެހެންދެން ވެސް ހަވީރުގެ ވިޔަފާރިން ލިބޭ ހުރިހާ ފައިދާއެއް ބޭނުންކޮށްފައިވަނީ ޗެއާމަން ޒާހިރު ހުސެއިން އަމިއްލައަށް ކަމަށާއި، ޒާހިރާއެކު އެއްވަރަކަށް ހިއްސާވާ އަނެއް ތިން ބޭފުޅުންނަށް ހަވީރުގެ ވިޔަފާރިން ލިބޭ އެއްވެސް ފައިދާއެއްގެ މައުލޫމާތެއް އަންގާފައި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ