ފެލިވަރުގައި އެއާޕޯޓެއް ހަދަން މި އަހަރު ފަށާނަން: ގާސިމް

ޖުމްހޫރީ ޕާޓީގެ ސަރުކާރެއްގައި ޅ. ފެލިވަރުގައި އެއާޕޯޓެއް ހެދުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފަށާނެ ކަމުގެ ވައުދު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ރޭ ވެވަޑައިގެންފި އެވެ. ހިންނަވަރުގައި ބޭއްވި ގާސިމްގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ފެލިވަރުގައި އެއާޕޯޓް ހަދާނީ އެ ރަށުގެ އެއް ފަރާތް ހިއްކައިގެން ކަމަށެވެ. ކުރީގެ ރައީސް މައުމޫންގެ ސަރުކާރުން މަޑިވަރުގައި އެއާޕޯޓެއް ހަދަން ނިންމާފައިވީ ނަމަވެސް ގާސިމް ވިދާޅުވީ އޭގެ ބަދަލުގައި ފެލިވަރުގައި އެއާޕޯޓެއް ހެދުމަކީ ތަރައްގީ އަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި ފެލިވަރު ކައިރިން ހިއްކައިފި ނަމަ އެއާޕޯޓެއް ހެދުމަށް ބޭނުންވާ ދިގުމިން ލިބޭނެ އެވެ. "އެއާޕޯޓެކޭ ތިޔަ ބޭފުޅުން ހިތަށްއަރާފާނެ އެއީ ކިހާވަރެއްގެ ލާރިއެއް ދާ ކަމެއްތޯ؟ އެކަން ވެސް އަޅުގަނޑުމެންނަށް އެނގޭ. އޭގެ ސިއްރު ވެސް، އެ ފަންޑިތައް ވެސް އަޅުގަނޑުމެން ދަންނަން،" މާމިގިލީގައި އަމިއްލަ އެއާޕޯޓެއް ހިންގަވަމުން ގެންދަވާ ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފެލިވަރުގައި އެއާޕޯޓެއް ހެދުމުން އެތައް ސަތޭކަ ވަޒީފާ އިތުރުވެ ޅ. އަތޮޅުގައި ޓޫރިޒަމް މިހާރަށް ވުރެ ބޮޑަށް ތަރައްގީވާނެ ކަމަށެވެ. ގާސިމް ވިދާޅުވީ ފެލިވަރުގައި މަސް ބަންދުކުރަމުންދާއިރު އެ މަސައްކަތަށް ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު އިންވެސްޓްކޮށްފި ނަމަ 100 މެޓްރިކް ޓަނު އުފެއްދޭވަރު ކުރެވޭނެ ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި ފެލިވަރުގައި 150 ކިލޯ ވޮޓުގެ 10 އިންޖީނު ހުރިއިރު އެ އިންޖީނުތަކުންނާއި ކޮމްޕްރެޝަރުތަކުން މިހާރު ވެސް ތެޔޮ ލީކްވެ އެވެ. އަދި ފެލިވަރުގެ މަސް ކާރުހާނާ އޭނާ ބޭނުންފުޅުވާ ގޮތަށް ތަރައްގީވުމުން 1،500-2،000 މީހުންނަށް އެތަނުން ވަޒީފާ ލިބޭނެ ކަމަށާއި މިހާރު ފެލިވަރުގައި ވަޒީފާ އަދާކުރަނީ 500 ވަރަކަށް މީހުން ކަމަށް ވިދާޅުވި އެވެ. "އަނެއްކާ އަޅުގަނޑުމެން ބޭރުން މަސް ގަނެގެން ކަމަށް ވިޔަސް އެކަން ކުރެވޭނެ ގޮތް މެދުވެރި ކުރާނަން. އޭގެ އިތުރަށް 100 މަސް ދޯނި ކޮންމެ އަހަރު ދުވަހެއްގެ މަސްވެރިންނަށް ދޭނެ ކަމަށް އަޅުގަނޑުމެން މި ބުނަނީ. އުތުރުގެ ވަރަށް ގިނަ ރަށްރަށުގެ ތެރެއިން ގިނަ ރަށްރަށަކީ އެންމެ ދޯންޏެއް ވެސް ނެތް ރަށްރަށް. އެހެންވީމާ މި ހިސާބުގަނޑުން މަސް ލިބޭނެ ގޮތް މެދުވެރިކުރުމަށް އެ ދޯނިފަހަރު މިތަނަށް ލިބުމުން މި ދެންނެވި ފެކްޓަރީ ހިންގުމަށް ދެކުނުން އަޅުގަނޑުމެން މަސް އުފުލާކަށް ނުޖެހޭނެ،" ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފެލިވަރުން ވަރަށް ބޮޑު ފައިދާއެއް ނެރެވޭނެ ކަމަށާއި އޭގެ ސަބަބުން ޅ. އަތޮޅަށް، ހާއްސަކޮށް ނައިފަރާއި ހިންނަވަރުގެ މީހުންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. ގާސިމް ވިދާޅުވީ ހިންނަވަރާއި ބ. ތުޅާދޫ އަދި ކ. ތުލުސްދޫ ފަޅު ހިއްކުމަށް ފައިސާ ހަމަޖެއްސެވީ އޭނާގެ ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު ކަމަށެވެ. އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން ހިންނަވަރު ބިން ހިއްކާފައިވާއިރު އެ ޗާޓު ކުރެއްސެވީ ވެސް ގާސިމް އަމިއްލައަށް ކަމަށް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ އޭނާގެ ފިނޭންސް މިނިސްޓަރުކަމުގައި އެ ޕްރޮޖެކްޓް ވަރަށް ފުޅާކޮށް ކުރިއަށް ގެންދެވި ނަމަވެސް އޭނާ މަގާމުން ވަކިވެވަޑައިގެންނެވި ފަހުން އެ ޕްރޮޖެކްޓް ވަރަށް ބޮޑަށް ކުޑަކޮށްފައިވާ ކަމަށެވެ. އަދި ހިއްކަން ކަނޑައެޅި ތުލުސްދޫ އުނިކޮށްފައިވާއިރު ހިންނަވަރާއި ތުޅާދޫ ހިއްކީ ކުރިން ކަނޑައަޅާފައިވާ މިންވަރަށް ވުރެ ކުޑަކޮށް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. "މިތަން ]ހިންނަވަރު[ ހިއްކަން ނިންމާފައި އޮންނާނީ މިއަށް ވުރެ މާ ބޮޑުކޮށް. މި ރަށުގެ ރަށް ކުރިއަރުވާ ކޮމިޓީގެ ބޭފުޅުން އޭރު އަޅުގަނޑާ ބައްދަލުކުރެއްވި އިރުގައި މިނިސްޓްރީ އޮފް ފިނޭންސްގެ ބޭފުޅުން ހެކިވާނެ އަޅުގަނޑުގެ އަތުން ކުރަހާފައި އެ ބޭފުޅުންނަށް ޗާޓު ދެއްކިކަން. އަޅުގަނޑު ދަންނަވަން މި އުޅެނީ އެ ބިންތައް މިއަދު ހުސްކޮށް ހުރި ވާހަކަ. އެތާނގައި ކަންތައްތަކެއް ނުކުރެވިގެން އޮންނަ އޮތުން އެއީ ވަރަށް ބޮޑު ބޭކާރު އިސްރާފު މަސައްކަތްތަކެއްކަން. ވަރަށް ގިނަ ފައިސާތަކެއް ގެއްލިފައިވާތީ، ރައްޔިތުން ތިބީ ކުރިން ވެސް ތިބި ހާލުގައި ކަމަށް ދަންނަވަން މި އުޅެނީ،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ