ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ)ގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ރައްޔިތުން މަޖިލީހުން މިއަދު ހުޅުވާލައިފިއެވެ.
ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު މަޖިލީހުން ހުޅުވާލާފައިވަނީ އެކޮމިޝަނުގެ ރައީސް މުހަންމަދު ފަހުމީ ހަސަނުގެ ބަދަލުގައި، އެ ކޮމިޝަނަށް އެހެން މެމްބަރަކު އައްޔަނު ކުރުމަށް އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާއިން ފާސް ކުރުމާއި ގުޅިގެންނެވެ.
މަޖިލީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން މަޖިލީހަށް ހުށަހެޅުމަށެވެ. އެގޮތުން އެކަމަށް އެދި ހުށަހަޅާ ފޯމް ވެސް އިއުލާނާއެކު މަޖިލީސް ސައިޓުގައި ވަނީ އާންމު ކޮށްފައެވެ.
ފަހުމީގެ ބަލަދުގައި ސީއެސްސީއަށް އެހެން މެމްބަރަކު އައްޔަނު ކުރަން މަޖިލީހުން ފާސްކުރި އިރު، މަޖިލިހުން މީގެ ކުރިން ވަނީ ސީއެސްސީގެ ރައީސް ކަމުން ފަހުމީ ވަކި ކުރުމަށްވެސް ފާސް ކޮށްފައެވެ. ނަމަވެސް ސްޕްރީމް ކޯޓުން ވަނީ މަޖިލީހުގެ ނިންމުން ރަނގަޅު ނޫން ކަމަށް ބުނެފައެވެ.
މަޖިލީހުން ފަހުމީ ސީއެސްސީގެ ރައީސް ކަމުން ވަކިކުރަން ފާސްކުރީ، އެ އޮފީހުގެ އަންހެން މުވައްޒަފަކާއި މެދު ބަދުއަހުލާގީ އަމަލެއް ފަހުމީ ހިންގާފައިވާ ކަމަށް ބުނާ މައްސަލައެއްގައެވެ. ސްޕްރީމް ކޯޓުން މަޖިލީހުގެ ނިންމުން ރަނގަޅު ނޫންކަމަށް ނިންމުމުން ފަހުމީ ވަނީ ސީއެސްސީގެ ރައީސް ކަމުގެ ވަޒީފާއަށް ނިކުންނަވަން ފަށާފައެވެ.
ބަންޑާރަ ނައިބުގެ މަގާމުގައި ކުރިން ހުންނެވި އަދި މިހާރު ޖެންޑާ މިނިސްޓަރު ކަމުގައި ހުންނެވި އާޒިމާ ޝުކޫރު ވަނީ ފަހުމީ އޮފީހަށް ނުނިކުންނެވުމަށް ލަފާވެސް ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ