އިސްދޫ ކަލައިދޫ ސްކޫލް ހުޅުވައިފި

ލ. އިސްދޫ ކަލައިދޫ ސްކޫލްގެ ތަޅުތަކަށް "ދަނގަނޑު ތެރަސް" އަޅާފައި ހުރުމުން މިއަދުގެ ކިޔެވުން ކެންސަލް ކޮށްފައި ވީނަމަވެސް، މިހާރު ސްކޫލް ހުޅުވާފައިވާ ކަމަށް އެރަށުން ބުނެފިއެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އިސްދޫ ކަލައިދޫ ސްކޫލްގެ ޕްރިންސިޕަލް ހުސައިން ޝަރީފް ވިދާޅުވީ ތަޅުތަކަށް ތެރަސް އަޅާފައި ހުއްޓާ ފެނުނީ މިއަދު ހެނދުނު ސުކޫލް ހުޅުވަން އައުމުން ކަމަށެވެ. އެގޮތުން ތަޅުތައް ނުހުޅުވިގެން ކިޔެވުން ނުފެށިގެން، މިއަދުގެ ކިޔެވުން ކެންސަލް ކުރި ކަމަށެވެ.
"ކިޔެވުން ކެންސަލް ކުރި ނަމަވެސް މިހާރު ސްކޫލް ހުޅުވައިފިން. އިދާރީ އޮފީހުގެ ތަޅުތަކަށްވެސް ދަނގަނޑު ތެރަސް އަޅާފައި ހުރި. ސްކޫލް ހުޅުވި ނަމަވެސް މިއަދުގެ ކިޔެވުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު،" ޝަރީފް ވިދާޅުވިއެވެ.
ފަހަކަށް އައިސް ބެލެނިވެރިން ނިކުމެ ރަށްރަށުގެ ސްކޫލްތައް ބަންދު ކުރުން އަންނަނީ އާންމުވަމުންނެވެ. އެގޮތުން މިއަހަރުގެ ކިޔެވުން ފެށުނު ފަހުންވެސް ގިނަ އަދަދަކަށް ސްކޫލްތައް ވަނީ، ބެލެނިވެރިން ނިކުމެ ބަންދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ