މާފަންނުއާގެ ވިއްކާލުމާއި ގުޅޭ ގޮތުން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލް ކޮށްފި

މާފަންނުއާގެ ވިއްކާލުމާއި ގުޅޭ ގޮތުން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލް ކޮށްފި އެވެ.
މާފަންނުއާގެ ވިއްކާލަން ސިލޯން ބޭންކުން ނިންމާފައި ވަނީ އެ ގެ ރަހުނު ކުރުމަށް ފަހު ނަގާފައިވާ 4.5 މިލިއަން ރުފިޔާ އާއި 195،000 ޑޮލަރުގެ ލޯނެއް ނުދައްކައި އޮތުމުންނެވެ.
ހައި ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ބޭންކް އޮފް ސިލޯނުން ނަގާފައިވާ ލޯނުގެ ބަދަލު ހޯދުމަށް މާފަންނު އާގެ ވިއްކާލެވިދާނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވާއިރު، ރާއްޖޭގެ ބިމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގެ އެއްވެސް ބިމެއް ރަހުނު ކުރެވޭނީ އެ ބިމެއް ރަހުނު ކުރުމުގެ ހައްގު، އެ ބިމެއް ރަޖިސްޓްރީކޮށްފައިވާ ފަރާތަށް ލިބިފައިވާނަމަ ކަމަށް ބާޔާންކޮށްފައި އޮތް ނަމަވެސް އެ ގޯއްޗަކީ ފާތިމަތު ފަރީދުއަށް ހައްގު ލިބިފައިވާ ތަނެއް ނޫންކަން އެނިގިފައިވާ ކަމަށެވެ. އެހެންކަމުން ބޭންކްގައި ރަހުނު ކުރުމަށްޓަކައި އެ ގޯތީގެ ރަޖިސްދްޓްރީ ހުށަހަޅާފައިވަނީ ގާނުނާއި ހިލާފަށް ކަމަށާއި، އަދި އެ ގޯތީގެ ރަހުނު ސިޓީ ކައުންސިލުން ރަޖިސްޓްރީ ކޮށްދީފައި ނުވާއިރު، އެ ގޯއްޗަކީ ރަހުނު ކުރެވިފައިވާ ގެއެއް ކަމަށް ބޭންކް އޮފް ސިލޯން އިން ބަލާފައި ވަނީ ބިމާއި ބެހޭ ގާނުނާ ހިލާފަށް ކަމަށް ފާހަގަކުރެވިފައިވާ ކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.
ހައިކޯޓުގެ އެ ހުކުމުގައި ބުނެފައިވަނީ މާފަންނު އާގެ ބޭންކް އޮފް ސިލޯނުގައި ރަހުނު ކުރެވިފައި ވަނީ ގާނޫނާއި އެއްގޮތަަށްކަމަށް ދެކިގެން ލޯނަށް ދައްކަން ޖެހޭ ފައިސާ ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް ނުދައްކައިފި ނަމަ، އެ ގެ ވިއްކާލުމަށް ސިވިލް ކޯޓުން ހުއްދަ ދީފައިވަނީ ރަނގަޅަށް ނޫން ކަމަށާއި އެ ނިންމުމަށް ބަދަލުގެންނަން ޖެހޭނެ ކަމަށް އެ މައްސަލަ ބެލި ފަނޑިޔާރުން އިއްތިފާގުވެފައިވާތީ ސިވިލް ކޯޓުގެ އެ ހުކުމް ބާތިލް ކޮށްފައިވާ ކަމަށެވެ.
މާފަންނު އާގޭގައި ހިމެނޭ ދައުލަތުގެ ބިން ހޯދުމަށާއި އެ ބިން ނުވިއްކޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.
މާފަންނުއާގެ އިން 12741.75 އަކަފޫޓް 1990ގެ އަހަރުތަކުގެ ތެރޭގައި ދައުލަތަށް ނެގި އެވެ. ބަދަލު ދިނުމަށް ފަހު އެ ބިން ދައުލަތަށް ނަގާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އޭރު ތީމުގޭގައި ދިރިއުޅުއްވާތީ ތީމުގޭގެ ސަލާމަތީ ސަބަބުތަކަށްޓަކަ އެވެ.
ދައުލަތުގެ ބިން ހިމެނޭ ގޮތަށް އެ ގޯތި ރަހުނުކޮށްގެން އެމްވީކޭއިން ލޯނު ނެގި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ