ރައްޔިތުން ނުކުމެ މާމެންދޫ ސިއްހީ މަރުކަޒު ބަންދުކޮށްފި

ލ. މާމެންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދޭން ޑޮކްޓަރެއް ނެތި ގިނަ ދުވަސްތަކެއް ވުމުން އެކަމާ ހިތްހަމަނުޖެހުން ފާޅު ކުރުމުގެ ގޮތުން ރައްޔިތުން ނުކުމެ ސިއްހީ މަރުކަޒު ބަންދުކޮށްފިއެވެ.
މާމެންދޫ ކައުންސިލުގެ ނައިބު ރައީސް އަބްދުލްހަމީދު އިބްރާހިމް ސީއެންއެމް އަށް ވިދާޅުވީ އެރަށު ސިއްހީ މަރުކަޒު ބަންދުކުރީ އިއްޔެ މެންދުރު ކުރީގެ ވަގުތެއްގައި ކަމަށެވެ.
"ހަތަރު ފަސް މަސް މިވީ ސިއްހީ މަރުކަޒުގައި ޑޮކްޓަރަކު ނެތްތާ.. ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ސިއްހީ މަރުކަޒުން ނުދެވޭތީ އެންމެ ފަހުން އިއްޔެ ބަންދުކުރީ،" އަބްދުލްހަމީދު އިބްރާހިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސިއްހީ މަރުކަޒަށް ޑޮކްޓަރެއް ހޯދުމަށްޓަކައި މާލެ އައިސްގެންވެސް ގިނަ މަސައްކަތް ތަކެއް ރަށު ކައުންސިލުން ކޮށްފައިވާ ކަމަށެވެ. ނަމަވެސް ހުރިހާ މަސައްކަތެއްވެސް ދިޔައީ ފެނަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ކިރިޔާ ކުޑަ ކަމެއް ވިޔަސް އަޅުގަނޑުމެން މިޖެހެނީ ކަނޑު ހުރަސްކޮށް ގަމަށް ނޫނީ އެހެން ކޮންމެވެސް ދުރު ހިސާބަކަށް ދާން، މިތާ ހުރި ޑޮކްޓަރު ދިޔައިމަވެސް އަޅުގަނޑުމެން މާލެ ގޮސް ކަމާ ބެހޭ ފަރާތްތަކަށް މިމައްސަލަ ހުށަހެޅިން. އަދިވެސް ހައްލެއް ނުލިބޭ،" އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ ބަޔަކު ނުކުމެ ލ. މާމެންދޫ ސިއްހީ މަރުކަޒު ބަންދު ކޮށްފައިވީ ނަމަވެސް އެއްވެސް ކަހަލަ ހަމަނުޖެހުމެއް އަދި މުޒާހަރާއެއްވެސް ކޮށްފައިނުވާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ. މިކަމާއި ގުޅިހެން އެރަށު ސިއްހީ މަރުކަޒުގެ ބަހެއް ވަނީ ނުލިބިފައެވެ.
"ޑޮކްޓަރެއް ނެތިއްޔާ ކީއްކުރަންތޯ ސިއްހީ މަރުކަޒު ހުޅުވަން ވީ. މި ހުންނަނީ އެންމެ ނަރުހެއް. ދެން އުޅެނީ އެތާ މަސައްކަތު އުޅޭ މީހުން. އަދިވެސް ބަންދުކޮށްފައި އެހެރީ،" މާމެންދޫ ކައުންސިލްގެ ނައިބް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ