ހަފުތާއެއްގެ ތެރޭގައި އުމަރު އިސްލާހު ނުވެއްޖެ ނަމަ ޕާޓީން ވަކިކުރަން ނިންމައިފި

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު ހަފުތާއެއްގެ ތެރޭގައި އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އިސްލާހުވެވަޑައިނުގެންފި ނަމަ ހަރުކަށި ފިޔަވަޅު އަޅައި ޕާޓީން އޭނާ ވަކިކުރަން ސުލޫކު ކޮމެޓީން މިއަދު ނިންމައިފި އެވެ.
ސުކޫލު ކޮމެޓީގެ ނިންމުން ހާމަކުރުމަށް ޕީޕީއެމް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އެ ކޮމެޓީގެ މުގައްރިރު އަދި މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވީ އުމަރުގެ މައްސަލަ ނިންމާފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާއި ސުލޫކީ ކޮމެޓީގެ ގަވާއިދަށް ރިއާޔަތްކޮށް ހުރިހާ އިޖުރާތުތަކެއް ފުރިހަމަކުރުމަށް ފަހު ކަމަށެވެ.
އުމަރަށް ދިން ހަފުތާއެއްގެ މުއްދަތުގައި އޭނާ އިސްލާހުވެވަޑައިގަތް ކަމަށް ބަލާނީ ޕާޓީ އާއި ޕާޓީގެ މެމްބަރުންނަށް "ކުޑައިމީސްވާ ގޮތަށް" އެއްޗެއް ވިދާޅުނުވެ ހުންނެވުމުން ކަމަށް ސުލޫކު ކޮމެޓީން ބުންޏެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ އަމަލީ ގޮތުން އެކަން ދެއްކެވުމަކީ ވެސް އިސްލާހުވުން ކަމަށް އަޒީޒު ވިދާޅުވި އެވެ.
އުމަރު ނަސީރުގެ އަމަލުތަކަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު އަމަލެއް ކަމަށާއި އޭގެ ސަބަބުން ޕާޓީ އާއި ޕާޓީގެ އިސްވެރިންގެ ނަމާއި ޝަހުސިއްޔަތަށް ފޫނުބެއްދޭވަރުގެ އަސަރެއް ފޯރާފައިވާކަން ސާބިތުވާ ކަމަށް ސުލޫކު ކޮމެޓީގެ ނިންމުމުގައިވެ އެވެ. އަދި ޕާޓީގެ ރައީސާއި ކައުންސިލްގެ ނިންމުންތަކަށް ވެސް އުމަރު ނަސީރު ހުރުމަތްތެރިކޮށް ހިއްތަވާފައި ނުވާކަން އެނގެން އޮތް ކަމަށް ވެސް އަޒީޒު ވިދާޅުވި އެވެ.
"އުމަރު ނަސީރު ޕީޕީއެމްގެ އަސާސީ ގަވާއިދުގެ ތެރެއަށް ހަތް ދުވަހުގެ ތެރޭގައި އެނބުރި އައުމަށާއި ޕާޓީ ނުވަތަ ޕާޓީގެ ވެރިއެއްގެ ނުވަތަ ޕާޓީގެ ރިއާސީ ކެންޑިޑޭޓު ނުވަތަ އެއްވެސް މެމްބަރެއްގެ އަބުރަށް، އިއްޒަތަށް ނުވަތަ ޝަރަފާއި ކަރާމާތާއި ހައިބަތާއި ގަދަރަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެކަން އަންގައި މި މުއްދަތުގެ ތެރޭގައި އޭނާ އިސްލާހުވެއްޖެކަން ކަށަވަރުކޮށް ނުދީފި ނަމަ ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ފިޔަވަޅު އެޅުމުގެ ގަވާއިދުގެ ދަށުން ހަރުކަށި ފިޔަވަޅު އެޅޭނެކަން ހ. ދޮންޖޭމުގޭ އުމަރު ނަސީރަށް އެންގުމަށް ސުލޫކު ކޮމެޓީގެ ފަސް މެމްބަރުން އިއްތިފާގުން ނިންމައިފީމެވެ،" އުމަރުގެ މައްސަލަ ނިންމާފައިވާ ގޮތުގެ ރިޕޯޓް މީޑިއާއާ ހިއްސާކުރައްވަމުން އަޒީޒު ވިދާޅުވި އެވެ.
ޕާޓީގެ އަސާސީ ގަވާއިދުގެ ތެރެއަށް އެނބުރި ވަޑައިނުގެންފި ނަމަ އަޅަން ނިންމާފައިވާ ހަރުކަށި ފިޔަވަޅަކީ އުމަރު ޕާޓީން ވަކިކުރުން ކަމަށް ސުލޫކު ކޮމެޓީން ބުންޏެވެ. މިއަދުގެ ވަގުތެއްގައި އެ ރިޕޯޓް ކައުންސިލަށް ފޮނުވާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އެ މައްސަލަ ނިންމާފައި ވަނީ އުމަރާއި ޕާޓީގެ މަސްލަހަތަށް ވެސް ވިސްނައިގެން ޖަވާބުދާރީ ވުމުގެ ފުރުސަތު ވެސް އުމަރަށް ދިނުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
އުމަރާ މެދު ގޮތެއް ނިންމުމުގެ ކުރިން ދެ މަންދޫބުން އައްޔަންކޮށް ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވާފައިވާ ކަމަށާއި އެހެން ނަމަވެސް އުމަރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ލިބިފައި ނުވާ ކަމަށް އަޒީޒު ވިދާޅުވި އެވެ. އަދި ހަތް ދުވަހަކީ ޖަޒުބާތުގައި ދެއްކިފައިވާ ވާހަކަތައް އަނބުރާ ގެންދިއުމަށް ކުރު މުއްދަތެއް ނޫން ކަމަށް ސުލޫކު ކޮމެޓީން ބުންޏެވެ.
އަޒީޒް ވިދާޅުވީ އުމަރާ ދޭތެރޭ ފިޔަވަޅު އެޅުމުގެ ކުރިން އޭނާ ކުރައްވާފައިވާ ތުހުމަތުތަކަށް ވެސް ބަލާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއިން އެއްވެސް ތުހުމަތަކީ ހަގީގަތެއް އެކުލަވޭ ވާހަކަތަކެއް ނޫން ކަމަށާއި އުމަރު ހައްދަވައިގެން ދެއްކެވި ވާހަކަތަކެއް ކަމަށް ސުލޫކު ކޮމެޓީގެ މުގައްރިރު ވިދާޅުވި އެވެ.
"އަދި އަޅުގަނޑުމެން މައްސަލަ ނިންމާފައި ވަނީ އެއްވެސް ނުފޫޒެއްގެ ދަށުވެ ތިބެގެން ނޫން. މި މައްސަލާގައި ޕާޓީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް ނުވަތަ އިސް އެހެން އެއްވެސް ބޭފުޅެއް އަޅުގަނޑުމެންނާ ވާހަކަ ދައްކާފައެއް ނުވޭ. އަޅުގަނޑުމެން ނިންމުން ނިންމީ ފަސް މެމްބަރުންނަށް އިއްތިފާގު ވެވުނު ގޮތަށް،" އަޒީޒު ވިދާޅުވި އެވެ.
ޕްރައިމަރީ އަށް ފަހު ވަކިން ޖަލްސާ ބާއްވައި އުމަރު ވަނީ ބޮޑެތި ތުހުމަތަކެއް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ޕްރައިމަރީގައި ފައިސާގެ ނުފޫޒު ފޯރުވައި ބޮޑެތި އޮޅުވާލުންތަކާއި މަކަރު ހަދާފައިވާ ކަމަށާއި އިންތިހާބާ ބެހޭ ކޮމިޓީގެ ކޮންޓްރޯލް އޮތީ ޔާމީންގެ އަތްޕުޅުގައި ކަމަށް ވިދާޅުވުމުގެ އިތުރުން ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ހިމެނޭ ކުޑަކުއްޖާއާ ޔާމީން ބައްދަލުކުރައްވަނިކޮށް ފެނިވަޑައިގެންނެވި ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.
އެ ތުހުމަތުތަކަށް މާފަށް އެދިވަޑައި ނުގަންނަވާނެ ކަމަށާއި އޭނާ ޕާޓީން ވަކިކޮށްފި ނަމަ އެ ޕާޓީ އަށް ބިން ހެލުމަށް އަންނާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ. އަދި އުމަރުގެ ތުހުމަތުތަކުގެ މައްސަލާގައި ޕީޕީއެމް ލީޑަޝިޕްގެ ގިނަ ބަޔަކު ތިބީ އޭނާއާ މެދު ހިތްހަމަނުޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ