މަޖިލީހުގެ ރައީސް ވެސް ސުޕްރީމް ކޯޓަށް ފާޑު ވިދާޅުވެއްޖެ

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ދައްކަވާފައިވާ ވާހަކަތަކާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ސުވާލުކުރަމުންދާތީ އެކަމަށް އިޝާރަތްކުރައްވައި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެ ކޯޓަށް މިރޭ ފާޑުވިދާޅުވެއްޖެ އެވެ. މަޖިލީހުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ ޝާހިދު ބޭއްވެވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ރައްޔިތުން މަޖިލީހަށް ދީފައިވާ އެންމެ ވަރުގަދަ ހިމާޔަތަކީ މަޖިލީހުގެ ތަޅުމާއި ކޮމިޓީގައި މެމްބަރުން އަދި މަޖިލީހަށް ހާޒިރުކުރައްވާ ބޭފުޅުން ދައްކަވާ ވާހަކަ، އިސްލާމީ އަސާސްތަކާ ހިލާފު ނުވާހާ ހިނދަކު، އެ ވާހަކައަކާމެދު އެއްވެސް ކޯޓެއްގައި ސުވާލު ނުކުރެއްވުމާއި ތަހްގީގު ވެސް ނުކުރެއްވެވުން ކަމަށެވެ. "[ނަމަވެސް]ރާއްޖޭގައި ހުރި ބައެއް މުއައްސަސާތަކާ ހިޔާލު ތަފާތުވެގެން މަޖިލީހުގެ ކޮމިޓީގައި އެއްޗެއް ބުނާ ކޮންމެ ހިނދަކު، މަޖިލީހުގެ ތަޅުމުގައި އެއްޗެއް ބުނާ ހިނދަކު، އެއީ އިސްލާމްދީނުގެ އަސްލުތަކާ ހިލާފުވާ ކަމަށް ނިންމަވަން ގަސްދުކުރައްވާ ހިސާބުން އަޅުގަނޑުމެން އިސްލާމްދީނުގެ އަސްލުތަކާ ބެހޭ ގޮތުން ގާނޫނު އަސާސީގައި މާނަކޮށްފައިވާ މާނަކުރުންވެސް އެންމެ ފުރަތަމަ އެ އޮޅުވާލެވެނީ،" ޝާހިދު ވިދާޅުވި އެވެ. އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން މަޖިލީހުގެ ކޮމިޓީގައި ދައްކަވާފައިވާ ވާހަކަތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން އެ މެމްބަރުންނާ ސުވާލުކުރައްވާފައިވާ ކަމަށް އެ ކޮމިޝަންގެ ބައެއް މެމްބަރުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވެސް ވިދާޅުވެފައިވެ އެވެ. ސުޕްރީމް ކޯޓުގެ ނަން ވިދާޅުނުވިޔަސް، އެއީ މަޖިލީހުގެ މެމްބަރުންގެ އަނގާގައި އަދި ކޮމިޓީތަކަށް ހާޒިރުކުރަން ގަސްދުކުރާ ބޭފުޅުންގެ އަނގާގައި "މަލަން" އެޅުއްވުމަށް ކުރައްވާ ކަމެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވެވި އެވެ. އަދި އެއީ ހަމައެކަނި ގާނޫނު އަސާސީއާހިލާފު ކަމެއް ނޫން ކަމަށާއި އެއީ އިސްލާމް ދީނާ "ކުޅުއްވުން" ކަމަށް ވެސް އޭނާ ސިފަކުރެއްވެވި އެވެ. "ހުއްޓާލައްވާށޭ ހުއްޓާލައްވާށޭ ތިޔަކަން ހުއްޓާލައްވާށޭ. ރާއްޖޭގެ ރައްޔިތުން މިތިބީ ކެތްމަދުވެފައޭ، 2008 ވަނަ އަހަރު ބަލައިގަތް ގާނޫނު އަސާސީއާގެން ކުރިއަށް ދިއުމުގެ ފުރުސަތު ދެއްވާށޭ،" ސުޕްރީމް ކޯޓަށް އިޝާރަތް ކުރައްވައި ޝާހިދު ވިދާޅުވި އެވެ. ފަނޑިޔާރުގެއިން އަމަލުކުރަމުންދާ ގޮތުން، ފަނޑިޔާރުގެއާމެދު ރައްޔިތުން ކުރި ފޮނި ހުވަފެންތަކާއި އުއްމީދުތައް ފިލައިގެން ގޮސްފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. ސަރުކާރާއި ސަރުކާރަށް ތާއިދުކުރައްވާ މެމްބަރުން ކޯޓުތައް އިސްލާހުކުރުމުގެ ވާހަކަ ނުދައްކަވާތީވެ އެކަމަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ ފަނޑިޔާރުގެ އިސްލާހުކުރުމުގެ ވާހަކަ އާއި މަޖިލީހުގެ އިމްތިޔާޒުގެ ވާހަކަ ނުދައްކަވަނީ ރައްޔިތުންގެ ހައްގުގައި ދައްކާނެ ވާހަކައެއް ނެތުމުން ކަމަށެވެ. އަދި ކޯޓުތައް އިސްލާހުކުރުމުގެ ވާހަކަ ދައްކައިގެން ފިޔަވަޅު އަޅާނަމަ ފިޔަވަޅު އެޅުއްވުމަށް ޝާހިދު ގޮވާލެއްވެވި އެވެ. "އަޅުގަނޑުމެން މިތިބީ ކެރިގެން އެކަންތައްތައް ތަހައްމަލުކުރަން،"މަޖިލީހުގެ ކަންކަން ކަނޑައެޅުމުގެ ބާރުވެސް ގާނޫނު އަސާސީން ދީފައިވަނީ މަޖިލީހަށް ކަމަށް ޝާހިދު ވިދާޅުވި އެވެ. "އަޅުގަނޑުމެން
ހަދާ ގަވާއިދުގެ މާއްދާތައް ބާތިލުކޮށް، އަޅުގަނޑުމެން މަޖިލިސް ހިންގާނެ
ގޮތްތައް އަންގައި، އަޅުގަނޑުމެންގެ މަޖިލީހުގެ މައްޗަށް އަމުރުކުރާ
ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން އޮތީ ގާނޫނު އަސާސީގެ އިމުގެ ތެރޭގައި
ތިޔަބޭފުޅުން ތިއްބަވާށޭ. އަޅުގަނޑުމެން މަޖިލިސް ހިންގަންވީ ގޮތް
އޮންނާނީ ގާނޫނު އަސާސީގެ 88 ވަނަ މާއްދާގައޭ،" ޝާހިދު ސުޕްރީމް ކޯޓަށް
ރައްދު ދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ