ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުކަމުން މުހަންމަދު ފަހުމީ ހަސަން ވަކިކޮށްފައި ވާތީ އޭނާގެ ބަދަލުގައި ފާތުމަތު ރީނީ އަބްދުއްސައްތާރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ނިންމުމުން އޭނާ ހުވާކުރުމުގެ ކަންތައް ސުޕްރީމް ކޯޓުގެ އަމުރަކުން މިދިޔަ ބުރާސްފަތި ދުވަހު ހުއްޓުވާފައިވާތީ ދެން އެއާ މެދު ފިޔަވަޅެއް އަޅަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ރައީސް މުހަންމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅަށް ފަހު މީޑިއާއާ އެކު ބޭއްވެވި ބައްދަލުވުމުގައި "ހަވީރު"ން ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސް ވަހީދު ވިދާޅުވި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވީ މަޖިލީހުގެ ނިންމުމާ އެއްގޮތަށް ރީނީއާ މަގާމު ހަވާލު ކުރެއްވުމަށެވެ. އެހެން ނަމަވެސް ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުން އެ ދުވަހު ނެރުނު އަމުރާ ގުޅިގެން ހުރިހާ މުއައްސަސާތަކަށް ވެސް ބައްލަވަން ޖެހޭ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓާ ދެމެދު އަޅުގަނޑު ތާށިވުމަކީ އެހާ ރަނގަޅު ކަމެއް ނޫންހެން. އެހެންވީމާ އަޅުގަނޑު އުންމީދު ކުރަނީ ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުން އެކަން ހަމަޖައްސަވާނެ ކަމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނެރުނު އަމުރަކާ އެކު، ސީއެސްސީ އަށް މެމްބަރަކު އައްޔަން ކުރުން ހުއްޓުވީ ރީނީ އަށް މަގާމުގެ ފަތްކޮޅު ހަވާލުކުރުމުގެ ރަސްމިއްޔާތު ބުރާސްފަތި ދުވަހުގެ މެންދުރު 2:30 ގައި ބާއްވަން ނިންމައި އެ ރަސްމިއްޔާތަށް ރީނީ ވެސް ވަޑައިގެންނެވި ފަހުންނެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ސީއެސްސީގެ މެމްބަރުކަމުން ފަހުމީ ވަކިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށްކަނޑައަޅާފައި ވަނިކޮށް، "ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެ މަގާމު ހުސްވުމުގެ ކުރިން އެ ގައިޑްލައިންތަކާ ހިލާފަށް މަގާމަށް މީހަކު އައްޔަން ކުރުމަށްޓަކައި ހުވާލައި ދިނުމާއި އައްޔަން ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައި އަމުރު ކޮށްފީމެވެ،" މިހެންނެވެ.
ރައީސް ވަހީދު މިއަދު ވިދާޅުވީ އެކިއެކި މުއްސަސާތަކަށް މީހުން އައްޔަން ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އަށް ޖެހިވަޑައިގަންނަވަނީ "ޕޯސްޓް އޮފީހެއްގެ" މަސައްކަތް ކުރައްވަން ކަމަށެވެ.
"ކަންކަން ނިންމާލީމާ އެކަން ނިމުނުކަން އަންގާލާ ކަހަލަ ސިޓީ ލިޔަން ހުންނަ މީހެއް މިހާރު ރައީސުލްޖުމްހޫރިއްޔާ އަކީ. ހަގީގަތުގައި ތި ކަންތައްތަކުގައި މާ ބޮޑު ބާރެއް ނޯވޭ،" ރައީސް ވަހީދު ވިދާޅުވި އެވެ.
މަޖިލީހާއި ސުޕްރީމް ކޯޓާ ދެމެދު އަޅުގަނޑު ތާށިވުމަކީ ރަނގަޅު ކަމެއް ނޫން: ރައީސް ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ