ނަޝީދު އަވަހާރަކޮށްލުމުގެ ވާހަކައެއް ނުދައްކަން: މެމްބަރު ނަޝީދު

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާ ގުޅޭ ގޮތުން ކުރީގެ ޖެންޑާ މިނިސްޓަރު ފާތުމަތު ދިޔާނާ ސައީދު ނެރުއްވި "ސައިލެންޓް އިންކުއަރީ" ގައި ބުނެފައިވާ "ވައި" އަކީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މުހަންމަދު ނަޝީދު ކަމަށް ވާއިރު، ރައީސް ނަޝީދު އަވަހާރަކޮށްލުމުގެ އެއްވެސް ކަހަލަ ވާހަކައެއް ދިޔާނާއާ އެކު ނުދައްކަވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ނަޝީދު އޭނާގެ އަމިއްލަ ބްލޮގްގައި ވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލަން އެއްވެސް މަސައްކަތެއް އޭނާ ކުރެއްވި ކަމަށް ދިޔާނާގެ ރިޕޯޓުގައި ވިދާޅުވެފައިވޭތޯ ސުވާލުކުރައްވައިފަ އެވެ.
"އެކަހަލަ ވާހަކައެއް ދިޔާނާ ވިދާޅުވެފައި އޮތް ކަމަށް ވާ ނަމަ، އޭގެ ރައްދުގައި ދަންނަވަން އޮތީ، އެކަހަލަ އެއްވެސް ވާހަކައެއް ދިޔާނާއާ އަޅުގަނޑު ނުދައްކާ ކަމަށެވެ. އަދި އެކަހަލަ ވާހަކައެއް އެގޮތަށް ދިޔާނާ ވިދާޅުވެދާނެ ކަމަށް ވެސް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ،" ނަޝީދު ވިދާޅުވި އެވެ.
ދިޔާނާގެ ރިޕޯޓުގައި ކުރީގެ ރައީސް ނަޝީދު އަވަހާރަކޮށްލުމުގެ ރޭވުންތަކެއް މެމްބަރު ނަޝީދު ރޭވިކަމުގެ ވާހަކައެއް ނެތެވެ. އެހެން ނަމަވެސް ދިޔާނާ ލިއުއްވާފައި ވަނީ ވެރިކަން ބަދަލުވުމުގެ ހަފުތާއެއް ކުރިން އޭރުގެ ނާއިބު ރައީސް މުހަންމަދު ވަހީދު ރޭގަނޑުގެ ފަރިއްކޮޅަކަށް ނަޝީދަށް ދައުވަތު ދެއްވިކަން ނަޝީދާ އެކު ދެއްކެވި ވާހަކަތަކަކުން އެނގިވަޑައިގެންނެވި ކަމަށެވެ.
ވަހީދުގެ ގެކޮޅުގައި ބޭއްވެވި އެ ފަރިއްކޮޅަށް ފަހު ނަޝީދު ނުކުމެވަޑައިގަންނަވަން އުޅުއްވަނިކޮށް، "ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ވަރަށް އުނދަގޫވެދާނެ" ކަމަށާއި ނަޝީދުގެ އެހީތެރިކަން ލިބިވަޑައިގަންނަވާނެތޯ ވަހީދު އެއްސެވި ކަމަށް ދިޔާނާ ވިދާޅުވި އެވެ. އަދި ވެރިކަން ބަދަލުވުމުގެ ކުރިން އާދަޔާ ހިލާފު ކަމެއް ހިނގާފާނެ ކަމަށް ހީކުރެއްވުމެއް ނެތި، ވަހީދަށް އެހީތެރިކަން ދެއްވާނެ ކަމަށް ނަޝީދު ވިދާޅުވި ކަމަށް ވެސް ދިޔާނާގެ ރިޕޯޓުގައިވެ އެވެ. މީގެ އިތުރުން ނާއިބު ރައީސްކަން ނަޝީދު ގަބޫލުކުރައްވާނަންތޯ ވަހީދު އެއްސެވި ކަމަށް ވެސް ރިޕޯޓުގައި ދިޔާނާ ލިއުއްވި އެވެ.
ދިޔާނާގެ ރިޕޯޓުގައި "އެކްސް" އަކީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް ކަމަށް ދިޔާނާ ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވިދާޅުވެފަ އެވެ.
ދިޔާނާގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ނަޝީދު އަވަހާރަކޮށްލަން ރޭވިކަން އެނގިވަޑައިގަތީ ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭ، އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓްގައި އެކްސް އެ ވާހަކަތައް ކިޔައިދެއްވުމުންނެވެ.
އެކްސްއާ ހަވާލާދެއްވައި ރިޕޯޓްގައި ދިޔާނާ ވިދާޅުވެފައިވަނީ ރައީސް ނަޝީދު ވެރިކަމުން ބޭލުމަށް ގިނަ މަގުތަކެއް އެބަހުރި ކަމަށް "އެ ފަރާތުން" ބުނެފައިވާ ކަމަށެވެ. އަދި އެމަނިކުފާނު އަވަހާރަކޮށްލަން ތައްޔާރަށް ބަޔަކު ތިބި ކަމަށާއި މީގެ ތެރޭގައި ނޮވެމްބަރު 3ގެ ހާދިސާގައި ނިޔާވި މީހުންގެ ދަރިން ވެސް ހިމެނޭ ކަމަށް "އެކްސް" ބުނެފައިވާ ކަމަށެވެ. އަދި "އެކްސް"ގެ ވާހަކަތަކަށް ބަލާއިރު ނަޝީދު އަވަހާރަކޮށްލަން ރާވާފައިވާ ކަމަށް ބެލެވެނީ އެކްސިޑެންޓެއްގެ ގޮތަށް ކަމަށް، އިވިވަޑައިގެންނެވި ވާހަކަތަކުން ދޭހަވި ކަމަށް ވެސް ދިޔާނާގެ ރިޕޯޓްގައިވެ އެވެ. އެ ގޮތުން ވިހަ ގޭހެއް ބޭނުން ކޮށްގެންނާއި އެމްއެންޑީއެފްގެ ހަފުލާއެއްގެ ތެރޭގައި ބަޑީގެ ސަލާމް ކުރިއަށްދާ ވަގުތު އެކްސިޑެންޓަކުން ހަށިކޮޅަށް ވަޒަން އަރާ ފަދަ ގޮތަށް ސިފަވާނެހެން އެކަންކުރުން ހިމެނޭ ކަމަށް ވެސް ދިޔާނާ ވަނީ ލިއުއްވާފަ އެވެ. މީގެ އިތުރުން ވެސް އެކަން ކުރެވިދާނެ ގޮތްތަކެއް އެބަހުރި ކަމަށް "އެކްސް" ބުނެފައިވާ ކަމަށް ދިޔާނާގެ ރިޕޯޓުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ