ގާސިމް އިބްރާހީމްގެ ހިތްވަރުން ހިތްވަރު ލިބިގަނެ، ގައުމު ސަލާމަތް ކުރުމަށް ޒުވާނުން ނުކުތުމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ ގޮވާލައްވައިފިއެވެ.
ގުޅިފައިވާ ޕާޓީތަކުން މިރޭ ކުނޫޒުގައި ބާއްވާ ޖަލްސާގައި އީސަ ވިދާޅުވީ ގާސިމް އިބްރާހީމާއި އެމަނިކުފާނުގެ އާއިލާއިން މިއަދު ވަމުންދަނީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށެވެ. އެކަމަށްޓަކައި އެބޭފުޅުންނަށް އީސަ ޝުކުރުއަދާ ކުރެއްވިއެވެ.
އީސަ ވިދާޅުވީ ގާސިމް އިބްރާހީމް ދައްކަވާ ހިތްވަރުން ހިތްވަރު ލިބިގެން ގައުމު ސަލާމަތް ކުރުމަށް ޒުވާނުން ނުކުންނަން ޖެހޭ ކަމަށެވެ. އަދި މާދަމާގެ ޒުވާނުންނަށް އެ ސާބިތުކަން ދައްކައިދޭން ޖެހޭ ކަމަށެވެ.
އީސަ ވިދާޅުވީ ރައްޔިތުންނަށް ހެޔޮގޮތް ހޯއްދަވައިދެއްވުމަށް ގާސިމް އިބްރާހީމާއި ރައީސް މައުމޫނާއި ރައީސް ނަޝީދާއި ޝައިޚް އިމްރާން އިސްވެ ކުރައްވާ މަސައްކަތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވާންޖެހޭ ކަމަށެވެ. އަަދި މި މަސައްކަތުގައި ބައިވެރިވާންޖެހެނީ ހަމައެކަނި މާލޭގައި ތިބި ރައްޔިތުން ނޫން ކަމަށާއި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން ވެސް މި މަސައްކަތުގައި ބައިވެރިވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"މާލޭގައި ތިބި މީހުން އެކަންޏެއް ނޫން ގައުމު ސލާމަތް ކުރަން ޖެހެެނީ. ހުރިހާ ރަށެއްގެ ރައްޔިތުންވެސް އެކަން ކުރަންޖެހޭ. ރައްޔިތުންގެ މަޖިލީހުގެެ ތެރެއިން މަސައްކަތް ކުރުމަށް މެމްބަރުންނަށް ހިތްވަރުދޭންޖެހޭ. މެމްބަރުންނަށް ނަސޭހަތްތެރިވާންވީ ވަގުތު މިއީ. އެ މެމްބަރުންނާ ހަވާލުކުރި މަސްއޫލިއްޔަތު ހަނދާންކޮށްދީ، ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަކީ ގައުމީ ވާޖިބެއް" އީސަ ވިދާޅުވިއެވެ.
އަހުމަދު އީސަ ވިދާޅުވީ ފުލުހުންނާއި ސިފައިންނަށް ގާނޫނުން ލިބިފައިވާ ބާރުތައް ބޭނުންކުރަން ޖެހޭނީ ގާނޫނުގެ ހުދޫދުގެ ތެރޭގައި ކަމަށެވެ. ޕެޕާ ސްޕްރޭ ވެސް ބޭނުންކުރެވޭނީ އެ ހާލަތެއްގައި ބޭނުންކުރަންޖެހޭ އެންމެ ކުޑަ މިންވަރަކަށް ކަމަށް ވިދާޅުވިއެވެ. އަދި ގޯތިގެދޮރު ތެރެއަށް ޕެޕާ ސްޕްރޭ ޖަހައި އަންހެނުންނާއި މުސްކުޅިންނާއި ކުޑަކުދިންނަށް ނޭވާނުލެވޭވަރު ކުރުމަކީ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަލާމަތީ ބާރުތަކުން ކުރަންޖެހޭ ކަމަކީ ގައުމުގެ އިސްތިގުލާލާއި މިނިވަންކަން ދިފާއުކުރުން ކަމަށެވެ.
އީސަ ވިދާޅުވީ އަނިޔާވެރި ވެރިކަން ތާއަބަދު ނުދެމެހެއްޓޭނެ ކަމަށާއި ރައްޔިތުންނަށް އަނިޔާވެރިވެގެން ލިބޭނެ އެއްވެސް އެއްޗެއް ނެތް ކަމަށެވެ. ރައްޔިތުންގެ ނަފުރަތާއި ރުޅިވެރިކަން ނޫން އެއްޗެއް އެކަމުން ނުލިބޭނެ ކަމަށާއި ވަރުތަ މުދަލެއްހެން އެކަންކަން މާދަމާ އަނބިދަރިންގެ މައްޗަށް ވާރުތަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ސަރުކާރުގެ އަނިޔާވެރިކަން ހައްދުފަހަނަޅައި ގޮސްފައިވާތީ ރައީސް ޔާމީން އަރިހުގައި ތިއްބެވި ބޭފުޅުންވެސް ލޯމަރާލައިގެން ތިއްބަވައިގެން ނުވާނެ ކަމަށް އީސަ ވިދާޅުވިއެވެ. ހައްގުބަސް ބުނުމަކީ ލަދުގަންނަން ޖެހޭ ކަމެއް ނޫން ކަމަށާއި ހުރިހަ ބޭފުޅުންވެސް ހައްގުގެ މަގުގައި ތެދުވުމަށް ގޮވާލައްވާ ކަމަށް އީސަ ވިދާޅުވިއެވެ.
ގާސިމް އިބްރާހީމްގެ ހިތްވަރުން ހިތްވަރު ލިބިގަތުމަށް ގޮވާލަން - އީސަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ