ސުޕްރީމް ކޯޓު ރަޖިސްޓްރާގެ މަގާމަށް މީހަކު ހޯދަނީ

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެ މަގާމަށް ހޯދަނީ އެންމެ މީހެކެވެ.
ޑީޖޭއޭއިން ބުނީ އެ މަގާމަށް ކުރިމަތިލާ ފަރާތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަމުގައި ނުވަތަ އެދެކަމުގައި މަސައްކަތްކޮށް މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވާން ޖެހޭނެ ކަމަށްވެސް އިއުލާނުގައި ޑީޖޭއޭއިން ބުނެފައިވެއެވެ.
އެ މަގާމަށް ކުރިމަތިލާ މީހަކީ ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުޕީރިއާ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވާ މީހެއްކަމުގައިވުމާއި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ހުނަރާއި ގާބިލުކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް މީހަކު ހޯދަން އިއުލާންކޮށްފައިވާއިރު އެ ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަގާމަށްވެސް މީހަކު ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ހައިކޯޓަށްވެސް އެސިސްޓެންޓް ރަޖިސްޓްރާއެއް ހޯދުމަށް މިއަދު ވަނީ އިއުލާންކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާއަށް މުސާރައާ އިނާޔަތްތަކާއި އެކު 36،360 ރުފިޔާ ލިބިގެންދާނެއެވެ. އެސިސްޓެންޓް ރަޖިސްޓްރާއަށް މުސާރައާ އިނާޔަތްތަކާއި އެކު 31،410 ރުފިޔާ ލިބިގެންދާނެއެވެ. ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއަކަށް 26،620 ރުފިޔާ މުސާރައާ އިނާޔަތްތަކާއި އެކުގައި ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ