އެމްޑީއެންއާ މެދު ފިޔަވަޅު ނާޅައި ލަސްވާތީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ކަންބޮޑުވުން ފާޅު ކުރައްވައިފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް(އެމްޑީއެން)އިން އިސްލާމް ދީނަށް ފުރައްސާރަ ކޮށް ރިޕޯޓު ނެރުނު މައްސަލަައިގައި އެމްޑީއެންއާ މެދު އެކަށީގެންވާ ފިޔަވަޅެއް ނާޅައި އިތުރު ހަފްތާއެއް ފާއިތުވެގެން ދިޔަކަން ފާހަގަ ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ލަތީފު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ. އެމްޑީއެންއިން އިސްލާމް ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާ ގުޅިގެން ޔޫތު މިނިސްޓްރީއިން އެޖަމިއްޔާ ވަގުތީ ގޮތުން ސަސްޕެންޑް ކުރީ މިމަހުގެ 10 ވަަނަ ދުވަހުއެވެ. އެޖަމިއްޔާ ސަސްޕެންޑު ކޮށްފައިވަނީ 2016 ވަނަ އަހަރު އެޖަމިއްޔާއިން މާތްވެގެންވާ އިސްލާމް ދީނާއި، ކީރިތި ޤުރުއާނާއި، ރަސޫލާގެ ސުންނަތުން ސާބިތުވާ ކަންކަމަށް ފާޅުގައި އިންކާރުކޮށް ނެރުނު ރިޕޯޓާ ގުޅިގެން ސަރުކާރުން ހިމޭނުން އޮންނާތީ ރައްޔިތުން އެކަމާ ގުޅިގެން ނުހަނު ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށެވެ. އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ބަލައި ނިމެންދެން އެޖަމިއްޔާ ސަސްޕެންޑު ކުރުމަކީ، އެޖަމިއްޔާއިން ކުރި ކުށާ އަޅާބަލާއިރު މާ ކުޑަ އަދަބެއް ކަަމަށާއި، އެޖަމިއްޔާގެ އެއްވެސް ހަރަކާތެއް ކުރިއަށް އޮތްތަނުގައި ނުހިންގޭ ގޮތް ހަދައި، އެމްޑީއެން އުވާލުމަށް ދީނީ އިލްމުވެރިންނާއި ސިޔާސީ ބޭފުޅުންގެ އިތުރުން އާންމު ރައްޔިތުންވެސް އަންނަނީ ގޮވައިލަމުންނެވެ. ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީއެންއާމެދު ފިޔަވަޅެއް ނާޅައި އިތުރު ހަފްތާއެއް ފާއިތުވެގެން ގޮސްފައިވާ ކަމަށާއި، ސަރުކާރުން ބިރު ދައްކަނީ ދީނީ އިލްމުވެރިންނާއި، އެމްޑީއެންގެ ރިޕޯޓާ ދެކޮޅަށް އަޑު އުފުލި މީހުންނަށް ކަމަށެވެ. މެމްބަރު އެހެން ވިދާޅުވިއިރު، އެމްޑީއެންއަށް ފާޑު ކިޔުމާ ގުޅިގެން ސަރުކާރަށް ތާއީދު ކުރާ ޒުވާނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމްޑީއެންގެ ވާހަކަ ނުދެއްކުމަށް ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް އަންގާފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ