މުއައްސަސާތަކުގެ ވެރިން ހާޒިރުކުރި ކޮމެޓީ ސިއްރުކޮށްފި

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރަން ކަމާ ގުޅޭ މުއައްސަސާތަކުގެ އިސް ބޭފުޅުން ހާޒިރުކުރި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ ސިއްރުކޮށްފި އެވެ.
މަޖިލިސް ޗުއްޓީގައި ވަނިކޮށް ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅައި އެ ބިލުގެ މަސައްކަތް ކުރުމުށް ދައުރުން ބޭރުގައި ދެ ޖަލްސާއެއް ވަނީ ބައްވާފަ އެވެ. އެ ގޮތުން އިއްޔެ ބޭއްވި ޖަލްސާގައި ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ކުރިއަށް ގެންދިޔަ އެވެ. އަދި ތަޅުމަށް ބިލު ބަލައިގަނެ، ބިލު ދިރާސާ ކުރުމަށް ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވި އެވެ.
މިރޭ ފެށި ކޮމެޓީ ބައްދަލުވުމަށް އެޓާނީ ޖެނެރަލްގެ އޮފީހާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި، އެމްއެންޑީއެފްއާއި، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި، ފުލުހުންގެ އިތުރުން ހޯމް މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ހާޒިރުވެފައެވެ.
ނަމަވެސް މިރޭގެ ބައްދަލްވުން މީޑިއާއަށް ސިއްރުކޮށްފައި ވާތީ ބައްދަލުވުމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އެ ބައްދަލުވުން މިހާރު ފަށައިގެން ކުރިއަށް އެބަދެ އެވެ.
ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހެޅިއިރު، ރާއްޖޭގައި ހައްދުފަހަނަ އަޅާފައިވާ ޖަމާއަތްތަކުގެ ހަރަކާތްތައް ހުއްޓުވުމަށް ޓެރަރިޒަމްގެ ގާނޫނަށާއި ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.
އާ ބިލުގައިވާ ގޮތުން، ކޯޓު އަމުރެއް ނެތި ޓެރަރިޒަމްގެ ކުށުގެ ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް 48 ގަޑިއިރު ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ. އަދި އެފަދަ ކުށްތަކުގެ ތުހުމަތުގައި، ކޯޓު އަމުރެއް ނެތި މީހުންނާއި ތަންތަން ބަލައި ފާސް ކުރުމުގެ ބާރު ވެސް ލިބެ އެވެ.
ބިލުގައި ބައެއް އަސާސީ ހައްގުތައް ހިފަހައްޓާފައިވާތީ އާއި ފުލުހުންނަށް އިތުރު ބާރުތަކެއް ލިބޭ ގޮތަށް އޮތީތީވެ ބައެއް ގާނޫނީ ވަކީލުންނާއި އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުންގެ އިތުރުން މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތުގައި ކޯޓު އަމުރެއް ނެތި މީހުން ހައްޔަރުކޮށް 48 ގަޑިއިރު ބަންދުގައި ބެހެއްޓޭނެ ގޮތަށް ބިލުގައި އޮތް މާއްދާއަކީ ގާނޫނު އަސާސީއާ ހިލާފު މާއްދާއެއް ކަމަށް ފާހަގަ ކުރައްވައިފަ އެވެ. މެންބަރުން ފާހަގަކުރެއްވީ ގާނޫނު އަސާސީގައި މީހަކު ހައްޔަރުކޮށް 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށް އޮންނަ މާއްދާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ