އުނގޫފާރު ދާއިރާގެ ގޮނޑިއަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ އުނގޫފާރު ދާއިރާގެ ގޮނޑިއަށް 3 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ބައި އިލެކްޝަންގައި ވާދަ ކުރަން ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ނިޔަލަށް ބަންދުވި އިރު އެ ދާއިރާއަށް ތިން ބޭފުޅަ ކުރިމަތިލައްވާފައިވާ ކަމަށެވެ.އެއީ އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ ކެންޑިޑޭޓަކާއި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓެކެވެ.
މި ބައި އިލެކްޝަނުގައި އެމްޑީޕީން ވާދަ ކުރައްވަނީ ޑރ. އަހުމަދު އަޝްރަފެވެ. ޕީޕީއެމުން ވާދަ ކުރައްވަނީ ކުރިން އުނގޫފާރު ދާއިރާގެ ގޮނޑި ފުރުއްވެވި އަފްރާޝީމްގެ ކޮއްކޮ އިބްރާހީމް އަމީމެވެ. އަމިއްލަ ގޮތުން ކުރިމަތިލެއްވި ކެނޑިޑޭޓެއް މިހާތަނަށް އިނގިފައެއް ނުވެ އެވެ.
އެކޮމިޝަނުން ބުނީ މި ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ ނަންތައް ތަރުތީބުކުރުމަށްފަހު އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު ކަމަށެވެ.
އަންނަ ޑިސެމްބަރު 1 ގައި އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމީ އެ ގޮނޑި ތަމްސީލްކުރެއްވި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ ވަރަށް ރަހުމުކުޑަގޮތަކަށް އަވަހާރަކޮށްލުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ