ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ޢަމަލުކުރެވެމުންދާ ބައެއް ޤާނޫނުތަކަށް ސްޕްރީމް ކޯޓުން އަމިއްލައަށް ބަދަލުގެނެސް، ޤާނޫނު ހެދުމުގެ ބާރުގެ ތެރެއަށް ސްޕްރީމް ކޯޓުން ވަންނަމުންދާ ކަމަށްބުނެ އެމްޑީޕީން އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅު ކޮށްފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިގޮތުން ފުރަތަމަ މަރުޙަލާގެ ކޯޓުތަކުންނާއި ޓްރައިބިޔުނަލްތަކުން ކުރާ ޙުކުމްތަކާއި ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރުމަށް ކޯޓުތަކުގެ ޤާނޫނުން ކަށަވަރުކޮށްދީފައިވާ 90 ދުވަހުގެ މުއްދަތާއި 180 ދުވަހުގެ މުއްދަތާއި، ވަޒީފާއާބެހޭ ޤާނޫނުން ކަށަވަރުކޮށްދީފައިވާ 60 ދުވަހުގެ މުއްދަތު ސްޕްރީމް ކޯޓުން ބަދަލުކޮށް، އެ މުއްދަތުތައް 10 ދުވަހަށް ހަނިކޮށްފައިވާކަން ފާހަގަކުރަމެވެ. އަދި ސްޕްރީމް ކޯޓުން ޤާނޫނުގެ މާއްދާތައް މިގޮތަށް ބާތިލުކޮށް އަމިއްލައަށް ބަދަލުތައް ގެނެސް ނިންމައިލިއިރު، ސްޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމަށް އޮތް މުއްދަތަކީ މިހާރު ކޮބައިކަން ވެސް އެނގެން ނެތްކަން ފާހަގަކުރާ ކަމަށެވެ.
އަދި އިސްތިއުނާފަށް ހުށަހެޅުމުގެ މުއްދަތުގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަކީ އިސްތިއުނާފުކުރަން ބޭނުންވާ ފަރާތަކުން ޤާނޫނީ ވަކީލަކު ހޯދައި އައްޔަނުކުރުމަށާއި، މައްސަލަ ދިރާސާކުރުމަށާއި އަދި އެކަމާ ގުޅުންހުރި ގިނަގުނަ އެތައް ކަމެއް ކުރުމަށް އިންތިހާއަށް ކުރު މުއްދަތެކެވެ. އަދި އެސަބަބުތަކާހުރެ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އިސްތިއުނާފުކުރުމުގެ ޙައްޤު، އޭގެ މާނާގައި ނުލިބި އެ ޙައްޤު ގެއްލިގެންދާނޭ ކަމެއް ކަމަށާއި އަދި ޤާނޫނު އަސާސީ މާނަކުރުމުގައި ރިޢާޔަތްކުރަންޖެހޭ ހުޅުވިގެންވާ މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި އިސްތިއުނާފުކުރުމުގެ ޙައްޤުދީފައި އޮންނަ އުސޫލުތަކުގެ މިންގަނޑަށް ވެސް ނުފެތޭކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
ޤާނޫނު އަސާސީއާ ތައާރަޒު ނުވާ އެއްވެސް ޤާނޫނެއް ނުވަތަ އެއިން ބައެއް ސްޕްރީމް ކޯޓުން ބާތިލުކުރުމުގެ ބާރު ސްޕްރީމް ކޯޓަށް ލިބިދީފައި ނުވާއިރު، ކޯޓުތަކުގެ ޤާނޫނުގެ 15 ވަނަ މާއްދާއާއި 42 ވަނަ މާއްދާއާއި ވަޒީފާއާބެހޭ ޤާނޫނުގެ 85 ވަނަ މާއްދާގެ (ށ) ސްޕްރީމް ކޯޓުން އަމިއްލައަށް ބާތިލުކޮށް، ޤާނޫނުން ކަނޑައަޅާފައިވާ މުއްދަތުތަކެއް ބަދަލުކޮށް، ސްޕްރީމް ކޯޓުން އަމިއްލައަށް މުއްދަތެއް ކަނޑައަޅައި، 3 ބާރު ވަކިވެފައި އޮންނަންޖެހޭ ނިޒާމެއްގައި ޤާނޫނު ހެދުމުގެ ބާރުގެ ތެރެއަށް ސްޕްރީމް ކޯޓުން ވަދެފައިވާކަން ފާހަގަކުރާ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން މެނުވީ، އިސްތިއުނާފުކުރުމުގެ ޙައްޤު ފަދަ އެއްވެސް ޙައްޤެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓިގެން ނުވާނޭކަމަށް ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ސްޕްރީމް ކޯޓުން އިސްތިއުނާފުކުރުމުގެ ޙައްޤު 10 ދުވަހަށް ހަނިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އަމަލުކުރަމުންދިއަ ޤާނޫނެއް ސްޕްރީމް ކޯޓުން އަމިއްލައަށް ބާތިލުކޮށް، އަލުން ޤާނޫނެއް ފާސްކުރުމަކާ ނުލައިކަން ފާހަގަކުރާ ކަމަށާއި މިކަންކަމާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
ގާނޫނު ހެދުމުގެ ބާރުގެ ތެރެއަށް ސްޕްރީމް ކޯޓުން ވަންނަމުންދާކަމަށްބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ