މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވައިލައިފިއެވެ.
އަދި ޚާއްޞަ އިނާމާބެހޭ ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީޝާއިޢު ކޮށްފައެވެ.
ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ ހަތަރު ގިންތިއަކުންނެވެ.
އޭގެތެރޭގައި ހިމެނެނީ:
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް (ޕީ.އެޗް.ޑީ) ހާސިލުކުރުމުގައި ފާހަގަކުރެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުން.
މަތީ ތަޢުލީމާއި ތަމްރީނު ކޯހަކުން އެންމެމަތީ ވަނަ ހޯދުން.
ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދުން.
ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން، އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން، ނުވަތަ ޢިލްމީ ދިރާސާއެއްކޮށްގެން، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުން.
އެގޮތުން، ޚާއްޞަ އިނާމާބެހޭ މަޢުލޫމާތު ދެއްވައި، ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި، ޚާއްޞަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމަވާފައެވެ.
ޚާއްޞަ އިނާމަށް ނަން ހުށަހަޅުއްވައި ފޯމު ފޮނުވުމުގެ އެންމެފަހު ތާރީޚަކީ، އަންނަ މޭ މަހުގެ 31 ވާ ބުރާސްފަތި ދުވަހެވެ.
ފޯމު ފޮނުއްވަންޖެހެނީ، ޚާއްޞަ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.
އަދި ޚާއްޞަ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރައްވާނެއެވެ. އަދި އެއޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. ވެބްސައިޓް އެޑްރެހަކީ www.presidencymaldives.gov.mv އެވެ.
މިއަހަރު ޚާއްޞަ އިނާމު ދެއްވާނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ އިޙްތިފާލުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ