ތަޢުލީމީ ދާއިރާގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭނަށް ބޭނުންވާ ފަންނީ މަޢުލޫމާތު އެއްކޮށް މަޝްވަރާ ފަށައިފި

ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލުމަށް ހަމަޖެހިފައިވާ ތަޢުލީމީ ދާއިރާގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭނަށް ބޭނުންވާ ފަންނީ މަޢުލޫމާތު އެއްކޮށް، މަޝްވަރާކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.
މި ޕްލޭނާގުޅޭ ގޮތުން މަޝްވަރާކުރުމަށް "އެޑިއުކޭޝަން ސެކްޓަރ ޕްލޭން 2018-2022" ނަމުގައި ހުޅުލޭ އައިލަންޑް ހޮޓެލްގައި މިއަދު ފެށި ބައްދަލުވުމުގައި ކަމާ ގުޅޭ ދާއިރާތަކުން 60 ބޭފުޅުން ބައިވެރިވެލައްވާއިރު މިބައްދަލުވުން ކުރިއަށް ގެންދަނީ ގްލޯބަލް ޕާޓްނަރ ފޮރ އެޑިއުކޭޝަން ފަންޑުގެ އެހީގެ ދަށުންނެވެ. މިމަސައްކަތު ބައްދަލުވުމުގައި، އެކި މަޢުޟޫޢުތަކަށް ޚާއްޞަކޮށްގެން ކަރުދާސްތައް ހުށަހަޅާ މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މަޝްވަރާތަކުގެ ތެރޭގައި ރާއްޖޭގެ ތަޢުލީމީ ޙާލަތު މިހާރު އޮތް ގޮތާއި ތަޢުލީމުގެ ފުރުޞަތު ފަހިވެފައިވާ މިންވަރާއި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމް ފޯރުކޮށްދޭ މިންވަރާއި ހުރިހާ ކުދިން ޝާމިލްކޮށްގެން ތަޢުލީމު ދެވޭ މިންވަރު ދެނަގަތުން ހިމެނެއެވެ. މި ބައްދަލުވުމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން އަޙުމަދު ޝަފީޢު ވިދާޅުވީ، މި ބައްދަލުވުމުގައި ސްކޫލްތަކުގެ ހިންގުމުގެ ނިޒާމާއި ތަޢުލީމީ ދާއިރާއަށް ސަރުކާރުން ހޭދަ ކުރާ މިންވަރުވެސް އެނގިގެންދާނެ ކަމަށެވެ.
ސްޓޭޓް މިނިސްޓަރ ޝަފީޢު އިތުރަށް ވިދާޅުވީ މިހާތަނަށް ކުރެވިފައި ހުރި ދިރާސާތަކުގެ އަލީގައި އެއްކުރެވިފައި ހުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޙާލަތު ދެނެގަނެވި، ދެމެހެއްޓެނެވި ތަރައްޤީޤެ ލަނޑުދަނޑިތަކު އަމާޒުތަކަށް ފިޓްކޮށްގެން ރާއްޖޭގެ ތަޢުލީމި ނިޒާމު ދެން ކުރިއަށް އޮތް ތަނަށް މިސްރާބު ޖަހަންވީ ކޮން ދިމާލަކަށް ކަން ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށެވެ.
އަދި އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެޑިއުކޭޝަން ސެކްޓަރ ޕްލޭން އެކުލަވާލުމަށް ބޭނުންވާ ފަންނީ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް އަތޮޅުތެރޭގެ ސްކޫލްތަކުގައިވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ޕްލޭނަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މާރޗް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މިބައްދަލުވުމުގައި ސްކޫލްތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތަކާއި އަމިއްލަ މަދަރުސާތަކާއި ޔުނިސެފާއި ޔޫއެންޑީޕީ އަދި އަމިއްލަ ބައެއް ޖައްމިއްޔާ ޖަމާއަތްތަކުން ބައިވެރިވެއެވެ. ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަނީ ބޭރުގެ ކަމާބެހޭ ފަންނީ މާހިރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ