މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް ޑރ. އަބްދުލްމުހްސިން މުހައްމަދު ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރައްވައިފި އެވެ.
އޭނާ މިމަގާމަށް އައްޔަންކުރެއްވީ މިނިސްޓަރުގެ ނައިބު ފެންވަރުގަ އެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯގެ މަގާމަށް ޑރ. މުހުސިން އައްޔަން ކުރެއްވުމަށް ފަހު ރައީސް ނަޝީދު މިއަދު ވަނީ އެ އޮތޯރިޓީގެ ރެގިއުލޭޓަރީ ބޯޑު އުވާލައްވައިފަ އެވެ. އޭގެ ބަދަލުގައި ވަނީ އެ އޮތޯރިޓީގެ ގަވަނިން ބޯޑު އެކުލަވާލައްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގަވަނިން ބޯޑުގެ ޗެއާމަނަކަށް ހަމަޖެއްސެވީ މިނިސްޓަ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން ޑޮކްޓަ އަހްމަދު އަލިމަނިކެވެ.
ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ ޑރ. މުހްސިން އާއި ސަރުކާރުގެ މަތީ ތައުލީމުދޭ މަރުކަޒުގެ މަންދޫބެއްގެ ގޮތުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑޮކްޓަ އަލީ ފަވާޒް ޝަރީފާއި މަތީ ތައުލީމުދޭ އަމިއްލަ މަރުކަޒުތަކުގެ މަންދޫބެއްގެ ގޮތުން ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހްމަދު ޝަރީފެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގަވަނިން ބޯޑުގައި އިލްމީ ތަފާތު ދާއިރާތައް ތަމްސީލުކުރައްވާނެ ބޭފުޅުންގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ސިއްހީ ދާއިރާއިން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ޗެއާޕާސަން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ބްރިގޭޑިއަ ޖެނެރަލް އަބްދުﷲ ޝަމާލާއި ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ގ. ރަތްވިލާގޭ މަޒްލާން ރަޝީދާއި ފަންނީ މަސައްކަތްތެރި ކަމުގެ ތަމްރީނުގެ ދާއިރާއިން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ހާޝިމާއި ތައުލީމީ ފަލްސަފާ އާއި ކަރިކިއުލަމްގެ ދާއިރާއިން މއ. ބޯގަންވިލާ އިބްރާހީމް އިސްމާއީލާއި މެނޭޖްމަންޓް، ބިޒްނަސް އަދި އެކައުންޓިން ދާއިރާއިން ހ. ސޭންޑީބީޗް ޔޫޝައު ސައީދާއި އިންޖިނިއަރިން އާއި އެޕްލައިޑް ސައިންސަސްގެ ދާއިރާއިން ގަލޮޅު ރޯޒަރީވެސްޓް އިސްމާއީލް އިބްރާހީމާއި އިންފޮމޭޝަން، ކޮމިއުނިކޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން މ.ފަލްކަންގޭ މުހައްމަދު ނާސިހާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން މ. ޕާކްލޭން ޑޮކްޓަ އާމިނަތު ޝާފިއާ އެވެ.
ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ "މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގަވަނިން ބޯޑު ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވީ ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރު ރަނގަޅުކޮށް، ފުޅާކުރުމަށް ނިހާޔަތަށް ބޭނުންވެފައިވާތީ" ކަމަށެވެ.
"އެހެންކަމުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މަތީ ތައުލީމާބެހޭ ގައުމީ މަޖިލީހާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މަސައްކަތްތައް އެކަންކަމަށްޓަކައި ނަތީޖާ ނެރެވޭނެ މޭރުމަކުން ވިލަރެސްކޮށް، އެ އޮތޯރިޓީގެ މަސައްކަތްތަކަކީ ފަންނީ އަދި އިލްމީ މަސައްކަތްތަކަކަށް ހެއްދެވުމުގެ މަގު ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާތީ" ގަވަނިން ބޯޑު އެކުލަވާލެއްވީ ކަމަށް ޒުހައިރު ވިދާޅުވި އެވެ.
ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ އަކަށް ޑރ. މުހްސިން، ގަވަނިން ބޯޑުގެ ޗެއާމަނަކަށް ޑރ. އަހުމަދު އަލިމަނިކު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ