ސަރުކާރުން އިއުލާންކުރި ސުލްހައިގެ ވާހަކަތަކުގައި ޕީޕީއެމް ބައިވެރިވާނެ: މައުމޫނު

ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު އިއުލާނު ކުރައްވާފައިވާ ސުލްހައިގެ ވާހަކަތުގައި ޕީޕީއެމުން ބައިވެރިވާނެ ކަމަށް ޕީޕީއެމްގެ އިންތިގާލީ ރައީސް ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
ހަގީގަތް ހާމަކޮށްދިނުމުގެ ނަމުގައި ޕީޕީއެމުން މިރޭ އިމާދުއްދީނު ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ޕީޕީއެމަކީ އަބަދުވެސް ސުލްހަ މަސްލަހަތު އިސްކުރާ ޕާޓީއެއް ކަމަށާއި ރައީސް ވަހީދު އިއުލާނު ކުރެއްވި މަޝްވަރާތަކުގައި ޕީޕީއެމުން ބައިވެރިވެ އެކަމަށް އިޖާބަ ދޭނެ ކަމަށެވެ.
"ޕާޓީތަކުގެ މަޝްވަރާކުރުމަށް ރައީސުލް ޖުމުހުރިއްޔާ ވަނީ ގޮވާލައްވާފައި. އެހެންވީމަ އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ ޕީޕީއެމަކީ އަބަދުވެސް ސުލްހަ މަސްލަހަތު އިސްކުރާ ޕާޓީއަކަށް ވާތީ އަޅުގަނޑުމެން ރައީސުލް ޖުމުހުރިއްޔާގެ އެ ގޮވާލެއްވުމަށް އިޖާބަ ދޭނަން،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މީގެކުރިން ވެސް ޕާޓިތަކުގެ މެދުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ޕީޕީއެމުން ބައިވެރިވެގެން މަޝްވަރާތައް ކާމިޔާބުކުރުމަށް ވަރަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރިކަމަށާއި ނަމަވެސް އެމްޑީޕީން މަގުމަތީ ގާނޫނާއި ހިލާފު ހަރަކާތްތައް މެދު ނުކެނޑި ހިންގަން ފެށުމާއެކު މަޝްވަރާކުރުމުގެ މަގްސަދު ގެއްލުމާއި ގުޅިގެން އެމްޑީޕީގެ މަގުމަތީ ހަރަކާތްތައް ނުހުއްޓަނީސް ޕީޕިއެމުން މަޝްވަރާތަކުގައި ބައިވެރިނުވުމަށް ނިންމި ކަމަށެވެ.
"އެމްޑީޕީން މަގުމަތީގައި ހިންގި ގާނޫނާއި ހިލާފުކަންތަކުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންތައް ލިބިފައިވާތީ ރައްޔިތުންގެ ހަށިތަކަށް ރައްޔިތުންގެ މުދަލަށް އަދި ރައްޔިތުންގެ މިލްކިއްޔާތަށް ދިވެހި ފުލުހުންނަށް އެތައް ބަޔަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭފަދަ އަމަލުތަކެއް އެމްޑީޕީން ތަކުރާރުކޮށް މެދުނުކެނޑި ކޮންމެ ރެޔަކު ކޮންމެ ދުވާލަކު ހިންގަމުން ގެންގޮސްފައިވާތީ އަޅުގަނޑުމެން ޕީޕީއެމްގެ ކައުންސިލުން ނިންމާފައިވާނީ ދެން ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވާނީ އެމްޑީޕީން އެކަން ހުއްޓާލި ދުވަހަކުންނޭ،" މައުމޫނު ވިދާޅުވި އެވެ.
ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ލަންކާގައި ތިއްބަވައި ބޭރުގެ ޑިޕްލޮމެޓުންނާއި ބައްދަލުކުރައްވާ ރައީސް ވަހީދު ވިދާޅުވީ ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ)ގެ ރިޕޯޓު މި މަހުގެ 30 ގައި އާންމު ކުރުމުން، ރިޕޯޓުގެ ފަހުން އަމަލުކުރާނެ ގޮތްތަކަކާމެދު މަޝްވަރާކުރުމަށް ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާކަމަށާއި މަޝްވަރާތަކުގައި ބައިވެރވުމަށް ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ދައުވަތު ދެއްވާނެ ކަމަށެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ އެޕާޓީން ވާހަކަތަކުގައި ބައިވެރި ވެވަޑައިގެންނަވާނެ ބޭފުޅަކީ ވަކި މީހެއްކަމަށް އެއްވެސް އެހެން ޕަޓީއަކުން ނުނިންމޭނެ ކަމަށާއި އެޕާޓިން ވާހަކަތަކުގައި ބައިވެރިވެވަޑައިގެންނަވާ ބޭފުޅަކީ ކޮން ބޭފުޅެއްކަން ކައުންސިލުން ނިންމަވާނެ ކަމަށެވެ.
"ޕާޓީތަކުގެ މަޝްވަރާތައް ބާއްވާއިރު އަޅުގަނޑުމެންގެ ފަރާތުން ބައިވެރިވާނީ ކައުންސިލުން ނިންމާ ބޭފުޅެކޭ. އެބޭފުޅަކު އެއީ ކޮން ބޭފުޅެއްކަން ނިންމުމުގެ އިހުތިޔާރު އެހެން އެއްވެސް ފަރާތަކަށް ނޯންނާނެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެމްޑީޕީން އެބަބުނޭ ޕީޕީއެމުން މިވެނި ބޭފުޅަކު ބައިވެރި ވަޑައިގެންނަވައިގެން ނުވާނޭ. އަދާލަތުން މިވެނި ބޭފުޅަކު ބައިވެރި ވެ ވަޑައިގެނެއް ނުވާނޭ،" މައުމޫނު ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ރައީސް މައުމޫނު ވަނީ ދިވެހި ސިފައިންނާއި ފުލުހުން ފެބްރުއަރީ ހަތްވަނަ ދުވަހު ދެއްކެވި ހިތްވަރަށް ޓަކައި ސާބަސް ރައްދުކުރައްވާފަ އެވެ. އަދި މިރޭ ރަސްމީކޮށް ޕިޕީއެމްގެ ވެބްސައިޓް ވެސް އެމަނިކުފާނު ވަނީ އިފްތިތާހު ކޮށްދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ