ޕަވަ ގްރިޑަކުން ބައެއް ރަށްތައް ގުޅުވާލައިގެން ވިޔަފާރި އުސޫލުން ކަރަންޓް ދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ފަށައިފި

ރާއްޖޭގެ ބައެއް ރަށްތައް ޕަވަ ގްރިޑަކުން ގުޅުވާލައިގެން ވިޔަފާރި އުސޫލުން ކަރަންޓް ދިނުމަށް އަމިއްލަ ފަރާތްތަކާ ހަވާލުކުރަން ސަރުކާރުން މަސައްކަތް ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތ. މެމްބަރު މުހަންމަދު ޝަރީފް ކުރެއްވި ސުވާލެއްގެ ޖަވާބުގައި އެނާޖީ މިނިސްޓަރު މުހަންމަދު އަސްލަމް ވިދާޅުވީ އެއް ރަށަށް ވުރެ ގިނަ ރަށްތައް ގުޅުވާލައިގެން ކަރަންޓް ދެވޭނީ ކޮން ރަށްތަކެއްގައިތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި ރަށްތައް ގުޅުވާލައިގެން ކަރަންޓް ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ރާއްޖޭގެ ވަކިވަކި ރަށްތަކަކީ ކުދިކުދި ރަށްތަކަކަށް ވުމުން އިކޮނޮމީ އޮފް ސްކޭލެއް ނުލިބިދާނެތީ ގުޅުވާލެވެން ހުރި ރަށްތަށް ޕަވާ ގްރިޑަކުން ގުޅުވާލައިގެން އިކޮނޮމީ އޮފް ސްކޭލެއް އުފައްދައިގެން އެކަން ކުރެވޭނީ ކިހިނެތްތޯ ބަލައި އެ މަސައްކަތްތައް ކުރެވޭނެ ގޮތްތަކެއް މިގެންދަނީ ބަލަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
އަމިއްލަ ފަރާތްތަކުން އެގޮތަށް ކަރަންޓްގެ ހިދުމަތް ދިން ނަމަވެސް އެކަން ކުރިއަށް ގެންދާނީ އެ އަތޮޅެއްގެ ރައްޔިތުންގެ ހިއްސާ އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެނާޖީ މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ 26 ރަށެއްގައި ސްޓެލްކޯގެ ކަރަންޓް ދެމުންދާ އިރު 159 ރަށަކަށް ކަރަންޓްގެ ހިދުމަތް ދެމުންދަނީ އެ ރަށެއްގެ ރކ. ކޮމެޓީންނެވެ. އަދި ނުވަ ރަށެއްގައި އަމިއްލަ ފަރާތަކުން ކަރަންޓް ދެމުން ދެ އެވެ.
"އަޅުގަނޑުމެން ސަރުކާރާ ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ވެސް ތަޖުރިބާކުރެވުނު އެއް ކަމަކީ ރައްޔިތުންގެ ކަރަންޓްގެ ނަމުގައި ރަށްރަށުގައި ކަރަންޓް ދެނީ އެއްވެސް އިތުބާރު ހުރިގޮތަކަށް ނޫން ކަން،" މިނިސްޓަރު ވިދާޅުވި އެވެ."ރައްޔިތުންގެ ކަރަންޓްގެ ނަމުގައި ހިންގާ ތަންތަން ކޯޕަރޭޓް އުސޫލުން ނުހިންގާތީ އެތަނުގެ ހަރަދު އަދި ލިބޭ ލާރި ރަނގަޅަށް ބެލިފައި ނެތުމުން މެނޭޖްކުރެވެނީ ވެސް އެންމެ ރަނގަޅަކަށް ނޫން."
މިނިސްޓަރު އިތުރަށް ވިދާޅުވީ ހައުސިން ޓްރާންސްޕޯޓް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީއާ ހަވާލުވިފަހުން ވޭތުވެދިޔަ ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭގައި 54 ރަށަކުން ކަރަންޓްގެ ބޮޑެތި މައްސަލަތަކެއްގައި އެހީ އަށް އެދިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކަރަންޓްގެ ހާލަތު ވަރަށް ދަށް އަށް ރަށެއް ވެސް ހިމެނޭ ކަމަށެވެ.
"މި ވޭތުވެދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި 10 މިލިއަން ރުފިޔާ އަށް ވުރެ ގިނަ އަދަދަކަށް އެ 54 ރަށުން އެހީއަށް ވެސް އެދިފައި އެބައޮތް،" މިނިސްޓަރު ވިދާޅުވި އެވެ.
އެހެން ނަމަވެސް އޭގެ ތެރެއިން ބައެއް ރަށްތަކުގައި ކަރަންޓްގެ ހިދުމަތް ދެމުންދާ ގޮތުން އެހީ ދިނުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ