ޒައީމް މައުމޫން ފެކްޝަންގެ މައި ޖަގަހަ ހުޅުވައިފި

"ޑީއާރްޕީ އަނބުރާ ސަރުކާރަށް" އައުމުގެ ޝިއާރުގެ ދަށުން ޑީއާރްޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުން ރޭ މާލޭގައި ޖަގަހައެއް ހުޅުވައިފި އެވެ.
ޒައީމް މައުމޫނަށް ތާއީދު ކުރާ އެކްޓިވިސްޓުންގެ އެހީތެރިކަމާއެކު މީގެ ތިން މަސް ކުރިން ފެށިގެން ހަދަމުން އައި ހަރުގެ، "ޑީއާރްޕީގެ މައި ޖަގަހަ"ގެ ނަމުގައި ބޮޑުތަކުރުފާނު މަގު، އާޓްފިޝަލް ބީޗް ސަރަހައްދުގައި ރޭ ހުޅުއްވައިދެއްވީ ކުރީގެ މިނިސްޓަރު، ދައުލަތައް ގިނަ ދުވަހު ހިދުމަތްކުރެއްވި އުމަރު ޒާހިރު އެވެ.
~
ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ޑީއާރްޕީގެ ނައިބު ލީޑަރު ކަމުން ވަކިކޮށްފައިވާ އުމަރު ނަސީރު ވިދާޅުވީ ޑީއާރްޕީގެ މައި ޖަގަހަ ހުޅުވީ 2013 ވަނަ އަހަރު ޑީއާރްޕީ ސަރުކާރަށް އައުމަށްޓަކައި 5000 ވޮލެންޓިއަރުން ހޯދުމުގެ މަސައްކަތަށް ކަމަށެވެ. އަދި އެ ވޮލެންޓިއަރުންގެ އެހީތެރިކަމާއެކު ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ޑީއާރްޕީ އަނބުރާ ސަރުކާރަށް ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީ އަސްލު ދިވެހި ރައްޔިތުންގެ ޕާޓީ. 2013 ވަނަ އަހަރު އަނބުރާ ސަރުކާރަށް ޑީއާރްޕީ ގެނެސްދޭނީ އަޅުގަނޑުމެންގެ ވޮލެންޓިއަރުންގެ ހިއްވަރާ މަސައްކަތުން. އެހެންވީމަ އަޅުގަނޑުމެން އެދެނީ މި މަސައްކަތުގައި އެންމެހައި ބޭފުޅުން ބައިވެރިވުމަށް،" އުމަރު ވިދާޅުވި އެވެ.
ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތަށް މައުމޫނަށް ތާއީދު ކުރާ ވަރަށް ގިނަ ބަޔަކު ހާޒިރުވި އެވެ. އަދި ޑޮލަރުގެ މައްސަލާގައި މިރޭ މައުމޫން ފެކްޝަނުން ބާއްވާ މުޒާހަރާގައި ޑީއާރްޕީގެ ހުރިހާ މެންބަރުން ބައިވެރިވުމަށް ގޮވައިލުމުގެ އިތުރުން ރައީސް ނަޝީދުގެ އިސްތިއުފާއަށް ވެސް ގޮވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ