އެމްޑީޕީގެ މާމިގިލި ދާއިރާގެ ރައީސް ބަންދުން ދޫކޮށްލައިފި

އިއްޔެ ފުލުހުން ހައްޔަރުކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މާމިގިލީ ދާއިރާގެ ރައީސް އިބްރާހީމް ރަޝީދު އަބޫބަކުރު ދޫކޮށްލައިފިއެވެ.
އެމްޑީޕީ ސަރުކާރުގައި ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރައްވާފައިވާ އިބްރާހީމް ރަޝީދު ފުލުހުންގެ ބަންދުން ދޫކޮށްލީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.
އިބްރާހިމް ރަޝީދު އިއްޔެ ހައްޔަރުކުރީ ޖުމްހޫރީ ޕާޓީގެ އޮފީސް ހިންގާ މ. ކުނޫޒު ކައިރީގައި ހުންނަ ކެފޭއެއްގައި ތެރޭގައި އިންނަވަނިކޮށެވެ.
އިބްރާހީމް ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ ގެންދިޔައީ ކޯޓު އަމުރެއް ދެއްކުމަށްފަހުގައެވެ.
ފުލުހުން އިބްރާހީމް ރަޝީދު އިއްޔެ ހައްޔަރުކޮށްފައިވަނީ، ސިޔާސީ ވަކި ފަރާތަކަށް މަންފާ ހޯދުމަށް ދިވެހިރާއްޖޭގައި އުފެދިފައިވާ ގަނޫނީ ސަރުކާރު މަގުމަތިން ބަދަލުކުރުމުގެ ނިޔަތުގައި ބަޔަކު މީހުން އިސްވެ، ރާއްޖޭގެ ރަށްރަށުން މީހުން މާލެ ޖަމާކޮށް، މާޗް މަހުގެ 16 ވަނަ ދުވަހު ބޮޑު އެއްވުމެއް ބޭއްވުމަށްފަހު މާލޭގެ ބައެއް ތަންތަނުގައި އަލިފާން ރޯކުރުމާއި ދައުލަތާ އާންމުންގެ މުދަލަށް ގެއްލުން ދިނުމާއި ގޭންގު ގުރޫޕްތައް ބޭނުންކޮށްގެން މާރާމާރީތައް ހިންގާ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ރާވަމުންދާ ކަމަށް ތުހުމަތުކުރެވޭތީ ކަމަށް ވެއެވެ. އަދި އިބްރާހިމް ރަޝީދު ހައްޔަރު ކުރީ އޭނާގެ މައްޗަށް މިފަދަ ތުހުމަތުތަކެއް ކުރެވޭތީ އޭނާގެ ފުށުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމުގައި ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
އިބްރާހިމް ރަޝީދު މިއަދު ދޫކޮށްލާފައިވާއިރު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެހެން ބައެއް މެންބަރުން ވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައިވާއިރު މީގެ ތެރޭގައި އެމްޑީޕީގެ ނާއިބުރައީސް މުހައްމަދު ޝިފާޒުވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ