ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުވާން އަނެއްކާވެސް އަންގައިފި އެވެ.
ގާސިމްގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވަނީ މިކަން ވީނިއުސް އަށް ޔަގީންކޮށްދެއްވާފަ އެވެ.
ޝަމީމް ވިދާޅުވީ ގާސިމް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ މިއަދު ހަވީރު 4:00 ޖަހާއިރު ކަމަށެވެ. ހާޒިރުވާން އެންގީ ތަހުގީގުކުރާ މައްސަލައެއްގައި ކަމަށް ފުލުހުން އަންގާފައިވާ ކަމަށާއި ނަމަވެސް ވަކި މައްސަލައެއް ބުނެފައި ނުވާ ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމްގެ މައްޗަށް ފުލުހުން މީގެ ކުރިން ވަނީ ރިޝްވަތުގެ ތުހުމަތުކޮށް ފުލުސް އޮފީހަށް ދެ ދުވަހު ހާޒިރުކޮށްފަ އެވެ. އަދި އެތުހުމަތުގައި ގާސިމް ހައްޔަރުވެސް ކޮށްފައިވެ އެވެ. ނަމަވެސް ގާސިމް އިބްރާހީމް ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަަމަށް ހައިކޯޓުން ކަނޑައެޅުމުން ފުލުހުން ވަނީ ގާސިމް މިނިވަންކޮށްފަ އެވެ. ނަމަވެސް ފުލުހުން ގާސިމްގެ މައްޗަށް ކުރާ ތުހުމަތާއި ގުޅިގެން ޕީޖީ އޮފީހުން ވަނީ ގާސިމް އިބްރާހީމްގެ މައްޗަށް ތިން ދައުވާއެއް ކޮށްފަ އެވެ.
އެގޮތުން ގާސިމްގެ މައްޗަށް ކުރާ ތިން ދައުވާ އަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ.
މިދައުވާ ތަކުގެ ޝަރީއަތް މިމަހުގެ މިމަހުގެ 13 ވަނަ ދުވަހު ވަނީ ފަށާފަ އެވެ. އަދި ދައުވާތަކާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ގާސިމް ހައްޔަރުކޮށްފައި ބެހެއްޓުމަށް ދައުލަތުން ވަނީ ކޯޓުގައި އެދިފަ އެވެ. ނަމަވެސް ކޯޓުން އެފަދަ އަމުރެއް ދީފައެއް ނުވެ އެވެ.
ގާސިމްގެ އިބްރާހީމްގެ މައްޗަށް ކުރާ ތުހުމަތާއި އުފުލާފައިވާ ދައުވާތަކަށް އެމަނިކުފާނު އިންކާރުކުރައްވާފައިވާއިރު ގާސިމްގެ ޝަރީއަތުގެ އަޑުއެހުމެއްް ދެން އޮންނާނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.
ގާސިމްގެ މައްޗަށް ދައުވާ އުފުލާފައިވަނިކޮށް ފުލުހުން އެމަނިކުފާނުގެ މައްޗަށް ކުރާ ތުހުމަތުގެ ހެކި ހޯދުމަށް ފުލުހުން ވަނީ ގާސިމްގެ އިބްރާހީމްގެ އަމިއްލަ ގެކޮޅު، މާފަންނުވިލާއާއި އެމަނިކުފާނުގެ އޮފީހެއް ބަލައި ފާސްކޮށްފަ އެވެ. ނަމަވެސް ފުލުހުން ކުރާ ތުހުމަތާ ގުޅޭ ހެކި މިތަންތަނުން ލިބިފައި ނުވާ ކަމަށް ފުލުހުން ލިޔުމުން އަންގާފައިވާ ކަމަށްވެސް ގާސިމްގެ ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ. ނަމަވެސް ފުލުހުން މިހާރު ވަނީ ކޯޓު އަމުރެއްގެ ދަށުން ގާސިމް އިބްރާހީމްގެ ފޯނު އަތުލާފަ އެވެ.
ގާސިމް އިބްރާހީމް ތަކުރާރުކޮށް ފުލުސް އޮފީހަށް ހާޒިރުކޮށް އަދި އެމަނިކުފާނުގެ މައްޗަށް ދައުވާކޮށްފައިވާތީ ގުޅިފައިވާ ޕާޓީ ތަކުގެ ލީޑަރުން ގެންދަނީ އެކަން ކުށްވެރިކުރައްވަމުންނެެވެ.
ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުވާން އަނެއްކާވެސް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ