އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީގެ ޕާސަނަލް ސެކްރެޓަރީ އާތިކާ ސަސްޕެންޑުކޮށްފި

ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީގެ ޕާސަނަލް ސެކްރެޓަރީ، އާތިކާ އިބްރާހީމް ސަސްޕެންޑުކޮށްފިއެވެ.
އާތިކާއަކީ ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިވިޒަންގެ ޑިރެކްޓަރުވެސް މެއެވެ.
އޭނާ ވަޒީފާއަށް ނުނުކުމެ ގޭގައި މަޑުކުރަން މިއަދު އެންގީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.
"ވަގުތު" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އާތިކާ ސަސްޕެންޑު ކޮށްފައިވަނީ ޑީޖޭއޭއިން ތަހުގީގު ކުރަމުންދާ އޭނާގެ މައްސަލައަކާ ގުޅިގެންނެވެ. އާތިކާ ސަސްޕެންޑް ކޮށްފައިވަނީ މާދަމާއިން ފެށިގެން، އެފަރާތުން ވަކި ގޮތެއް އަންގަންދެނެވެ.
މިފަހަކަށް އައިސް ޖޭއެސްސީ އާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާ މެދު ވަނީ ނުތަނަވަސްކަން އިތުރުވެފައެވެ. ޖޭއެސްސީއިން އަންނަނީ މިހާރުވެސް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނޭ ގޮތަށް، ސުޕްރީމް ކޯޓުގެ 4 ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއްވެސް ބަލަމުންނެވެ.
ޑީޖޭއޭ މިހާރު ވަނީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ ބެލެނިވެރި ފަރާތް ޖޭއެސްސީގެ ދަށަށް ގެނެވިފައެވެ. އެ ބަދަލުތައް ގެނެވިފައިވަނީ ރައްޔިތުންގެ މަޖިލީހުން އިސްލާހުކޮށްގެން ފާސްކުރި ޤާނޫނުތަކުގެ ތެރެއިންނެވެ. ކޯޓުތަކުގެ އިދާރީ ހިންގުމަށް ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތް ޑީޖޭއޭއިން މިހާރުވެސް ދަނީ ކުރަމުންނެވެ.
ޑީޖޭއޭ އިން ޝަރުޢީ ދާއިރާގެ އޮނިގަނޑަށް ގެންނަމުންދާ ބަދަލުތަކާ ހިތްހަމަނުޖެހި ޑީޖޭއޭއާ މުއާމަލާތް ނުކުރުމަށް ކޯޓުގެ ސެކްރެޓްރީ ޖެނަރަލަށް އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް ބުނެފައިވާ މައްސަލައެއް މިހާރު ޖޭއެސްސީއިން ދަނީ އެ މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ