ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ހުސްނުއްސުއޫދާއި ޢަބްދުއްރައޫފު އިބްރާހީމް އަދި އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އަހުމަދު މުއްތަސިމް އަދުނާނު އައްޔަން ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝާންގެ މަޝްވަރާ ހޯއްދެވުމަށް އެ ބޭފުޅުންގެ ނަން ރައީސް ސޯލިހް ޖުޑިޝަލް ސާވިސް ކޮމިޝަނަށް ފޮނުއްވައިފިއެވެ.ރައީސް ސޯލިހު ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މިނަންފުޅުތައް ފޮނުއްވިކަން ހާމަކުރައްވާފައިވަނީ އެމަނިކުފާނުގެ ޓުވީޓެއްގައެވެ. އުއްތަމަފަނޑިޔާރުގެ މަގާމަށް މ.ގުލްފާމްގެ އަޙްމަދު މުޢުތަޞިމް އަދްނާން އަދި ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް ސ.މީދޫ ހަސަންކާރިގެ ޙުސްނުއްޞުއޫދާޢި މ.ވޭސައިޑް.ޢަބްދުއްރައޫފް އިބްރާހީމް ޢައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާއަށް މިއަދު އަޅުގަނޑު ފޮނުވައިފިން— Ibrahim Mohamed Solih (@ibusolih) November 28, 2019އެމަނިކުފާނު ފަނޑިޔާރުކަމަށް ނަންފޮނުއްވާފައިވާ ބޭފުޅުންގެ ތެރެއިން މުޢުތަޞިމަކީ ކުރިންވެސް ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ މަޤާމުން ވަކިކޮށްފައިވަނީ ޤާނޫނަށް ގެނައި ބަދަލެއްގައި ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބަވާ ފަނޑިޔާރުންގެ ޢަދަދު 7ކުން 5ކަށް މަދުކުރުމަށް ރައީސް ޔާމީނުގެ ވެރިކަމުގައި ނިންމެވި ނިންމުމާ ގުޅިގެން، މަޤާމަށް ޤާބިލުނޫންކަމުގައި އެއިރުގެ ޖޭއެސްސީއިން ނިންމައި ރައްޔިތުން މަޖިލިހަށް ފޮނުވައި އެމަޖިލިހުން ފާސްކޮށްގެންނެވެ. ފަނޑިޔާރުކަމަށް ދެން އެބޭފުޅެއްގެ ނަންފުޅު ފޮނުއްވާފައިވާ ޙުސްނުއްސުޢޫދަކީ ސިޔާސީ ކަންކަމުގައި ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައިވެސް އެމްޑީޕީއަށް ތާއީދުކުރައްވައި މަސައްކަތްކުރެއްވިއެވެ. އެގޮތުން ބ.ތުޅާދޫ ދާއިރާ މެންބަރު ޙިސާން ޙުސައިނުގެ ކެމްޕެއިނުގައި ވަރަށް ބޮޑަށް އުޅުއްވިއެވެ. އޭގެ ފަހުން ވަޑައިގެންނެވީ ރައީސް ޞާލިޙު އެކުލަވައިލެއްވި ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ރިޔާސީ ކޮމިޝަނުގެ ރައީސެއްގެ މަޤާމަށެވެ. ސުޢޫދަކީ ބާއެސޯސިއޭޝަނުގެ ރައީސްގެ މަޤާމަށް ކުރިމަތިލައްވައި، އެއެސޯސިއޭޝަންގެ ރައީސް މައުމޫނު ޙަމީދާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ބޭފުޅެކެވެ. ތިންވަނައަށް ރައީސް ފޮނުއްވި ނަންފުޅަކީ މިހާރު ހައިކޯޓުގެ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި ޢަބްދުއްރައޫފު އިބްރާހީމްގެ ނަންފުޅެވެ. ރައޫފަކީ 2011ވަނަ އަހަރުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުގެ މަޤާމު އަދާކުރައްވަމުން ވަޑައިގެންނެވި ބޭފުޅެކެވެ. ރައޫފުގެ ނަންފުޅަކީ ސުޕްރީމުކޯޓުގެ ފަނޑިޔާރުކަމަށް ރައީސް ފުރަތަމަ ފަހަރަށް ހުށަހެޅުއްވި ހައިކޯޓު ފަނޑިޔާރުގެ ނަންފުޅެވެ. ސުޕްރީމު ކޯޓުގެ މަޤާމުތައް ހުސްވެފައިވަނީ ކުރީގެ އުއްތަމަަފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއާއި ފަނޑިޔާރު އާދަމް މުޙައްމަދު މަޤާމުން ވަކިކުރުމަށް ރައްޔިތުން މަޖިލިހުން ފާސްކޮށް ނިންމުމާ ގުޅީގެންނާއި، އެކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ފަނޑިޔާރު ޢަރީފު ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ. ފަނޑިޔާރު ޣަނީވެސް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީއިން ނިންމައި މަޖިލިހަށް ފޮނުވައި، މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީއިން އެނިންމުން ފާސްކޮށްފައިވެއެވެ. މަޖިލިހުގެ ތަޅުމުގައި ނެގޭ ވޯޓުން ފާސްވެއްޖެނަމަ، އެމަނިކުފާނުވެސް ފަނޑިޔާރުކަމުން ވަކިވާނެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ލަދު
ޔާމީނުގެދައުރުގައި ގިނަ ސިޔާސީ މީހުން ޖަލަށް ލުމަށް ދަށުކޯޓުން ކިރި ބާތިލް ހުކުމް ތަކާއި ޤާނޫނު އަސާސީއާއި ހިލާފު ނިންމުން ތަކަށް ތާއީދު ކުރި ހައިކޯޓް ފަޑިޔާރު !
REPLY
ސުއޫދާއި މުއްތަސިމް ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައީސް ސޯލިހް ނަން ފޮނުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ