ވެއްޓުނު ފްލައިޓުން ސަލާމަތްވާން ފުންމާލި ޕައިލެޓް، ކަރަންޓު ކޭބަލެއްގެ މައްޗަށް

މިއަދު ހެނދުނުގެ ވަގުތެއްގައި ފްރާންސް މަތިން ދަތުރުކުރި ބެލްޖިއަންގެ އަސްކަރީ ޖެޓަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ސަލާމަތްވާން ފުންމާލި ޕައިލެޓް، ހައި ވޮލްޓޭޖް ކަރަންޓު ކޭބަލެއްގެ މައްޗަށް ވެއްޓިއްޖެއެވެ.
ބެލްޖިއަން އިން ފްރާންސްގެ އެއާބޭސް އަކަށް ދަތުރުކުރި މި ޖެޓް ދޫކޮށް ޕައިލެޓް ފުންމާލާފައި ވަނީ، ޖެޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ޖެޓުގެ ކޮންޓްރޯލް ގެއްލި ވެއްޓެން ފެށުމުންނެވެ.
ނޫސްތައް ބުނާގޮތުގައި އޭނާ ޖެޓުން ފުންމާޕީ ވައިކުޑަ އަޅައިގެންނެވެ. ސަލާމަތްވާން ވެގެން ވައިކުޑައިގައި ފުންމާލި ނަމަވެސް އޭނާ ބިންމަތީގައި ޖެހުމުގެ ކުރިން، ހުޅުވިފައި ހުރި ވައިކުޑަ ވަނީ އެ ސަރަޙައްދުގެ މަތިން ދަމާފައިވާ ކަރަންޓު ކޭބަލެއްގައި އަޅައިގެންފައެވެ. މިކަމުގެ ސަބަބުން ދެގަޑިއެއްހާ އިރު ވަންދެން އޭނާ އެ ކޭބަލްގައި ތާށިވެފައި އޮތެވެ.
މި ހާދިސާ އާއި ގުޅިގެން ބެލްޖިއަމްގެ ޑިފެންސް މިނިސްޓަރ ވިދާޅުވެފައި ވަނީ، ޖެޓު ވެއްޓުނު ސަރަޙައްދުގައި ހުރި ގެއަކަށް ގެއްލުން ލިބުނު ނަމަވެސް، ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. މި ހާދިސާ ހިނގި ވަގުތު އެ ޖެޓުގައި ތިބީ ދެ ޕައިލެޓުން ކަމަށާއި، އެ ދެމީހުންވެސް ސަލާމަތްވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ޖެޓު ވެއްޓުނު ވަގުތު ސަލާމަތްވުމަށް ވައިކުޑައިގެ އެހީގައި އޭގައި ތިބި ދެ ޕައިލެޓުން ފުންމާލިއިރު، އޭގެތެރެއިން އެކެއްގެ ވައިކުޑަ ކަރަންޓު ކޭބަލެއްގައި އަޅައިގަނެ އެތަނުގައި އޭނާ ތާށިވެފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް މިހާރު ދަނީ ދައުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ