ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދިޔާނާތޯ މަހާޒުތޯ ނުނިންމުނު!

ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމަށް ބޭފުޅަކު އައްޔަންކުރުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރާއި ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދުގެ ނަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އަދި އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ފޮނުއްވި ސިޓީފުޅު އިއްވައި ދެބޭފުޅުންގެ ނަން ދިރާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމުގެ މައްސަލަ ކޮމިޓީން ނިންމައި އެމަނިކުފާނަށް ރިޕޯޓު ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ކޮމިޓީން ގޮތެއް ނިންމާފައި ނެތް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ކޮމިޓީ ރިޕޯޓުގައި އޮތީ ޖުޑީޝަލް ސާވިސް ކޮމިޝަނުން މަސައްކަތް ކޮށްފައިވަނީ ރަގަޅަށް ކަމަށާއި ކޮމިޓީއަށް ފެންނަ ގޮތެއް ހިމަނާފައި ނެތް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ތަޅުމަށް ރިޕޯޓު ހުށަނާޅައި އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ނިންމަވާ ކަމަށް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމަށް މަސައްކަތް ކުރަމުން މިދަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލައި، މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރަން ނިންމައި، އެ މަގާމު ހުސްވުމުންނެވެ.
މި މައްސަލައިގައި ކޮމިޓީއަށް ފެންނަ ގޮތެއް ރިޕޯޓުގައި ހިމަނާފައި ނެތް ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް ނަޝީދު ކޮމިޓީ ރިޕޯޓު އަނބުރާ ފޮނުވާލައްވާފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ޖޭއެސްސީއަށް ފޮނުއްވީ މަހާޒުގެ ނަން އެކަންޏެވެ. ދިނާޔާއަކީ ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ދިޔާނާ ނުވަތަ މަހާޒު އައްޔަންކުރުމާމެދު ގޮތެއް ނިންމައިދިނުމަށް އެދިވަޑައިގެން ރައީސް މަޖިލީހަށް ހުށަހެޅުއްވީ ދިޔާނާއާއި މަހާޒަކީ "ހައިލީ ރެކޮމެންޑެޑް" ބޭފުޅުންގެ ގޮތުގައި ޖޭއެސްސީން ލަފާދިނުމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދިޔާނާ ވާދަކުރައްވާއިރު، ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރުވެސް އަންހެން ދެ ބޭފުޅުން އެބަތިއްބެވިއެވެ. އެއީ ރާއްޖޭގެ ތާރީޚުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ފުރަތަމަ ފަހަަރަށް ވަޑައިގަތް ދެ އަންހެން ބޭފުޅުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި، އައިޝާ ޝުޖޫން މުހައްމަދެވެ. މި ދެބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަންކުރެވުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް އިތުރުކުރުމަށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން، އިތުރުވި ދެ ގޮނޑިއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ