2018 ވަނަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލާނެ ކަމަށް ކުރިން ބުނެފައިވީ ނަމަވެސް، އެ ނިންމުން ބަދަލުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބަޔާން މިއުނިކްގެ ތަޖުރިބާކާރު ޑިފެންޑަރު ފިލިޕް ލާމް ބުނެފިއެވެ.
މިދިޔަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕް ޖަރުމަނުގެ ގައުމީ ޓީމާއެކު ހޯދުމަށްފަހު ލާމް ވަނީ، ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ.
މިދިޔަ ހޫނު މޫސުމުގައި ލާމް ބަޔާންގެ ކޮންޓްރެކްޓް އާކުރިއިރު، ލާމް ބުނެފައިވަނީ އެއީ އޭނާ ސޮއިކުރާނެ ފަހު ކޮންޓްރެކްޓް ކަމަށާއި އެއަށްފަހު ކުޅުން ހުއްޓާލާނެ ކަމަށެވެ. ލާމް ބަޔާންއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2018 ވަނަ އަހަރުގައެވެ.
"ގޯލްޑޮޓްކޮމް" އާ ވާހަކަދައްކަމުން ލާމް ބުނީ، ކޮންޓްރެކްޓް އާކުރި ދުވަހު އެހެން ބުނި ނަމަވެސް 2018 ވަނަ އަހަރަށްފަހު ވެސް ކުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"އަހަރެން މިހުރީ އަދިވެސް ކުޅެވޭ ހާލަތުގަ. އަހަރެން މިހުރީ ފިޓްކޮށް. އަހަރެން ބޭނުން 2018 ވަނަ އަހަރަށްފަހު ވެސް އަދި އެއް އަހަރު ކުޅެން" ލާމް ބުންޏެވެ.
2018 ވަނަ އަހަރާ ހަމައަށް ދާއިރު، އޭނާއަށް 34 އަހަރުވެފައި ހުންނާނެކަން ވެސް އެނގޭ ކަމަށާއި، އަދި އޭނާ ކުޅޭ ޓީމު ކަމަށްވާ ބަޔާންއަކީ ކުޅޭ ހުރިހާ މުބާރާތެއްގެ ތަށި ވެސް ހޯދަން ބޭނުންވާ ޓީމަކަށްވުމުން، ވަރުގަދަ ކުޅުމެއް ދެއްކުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން ވެސް އެނގޭ ކަމަށް ލާމް ބުންޏެވެ.
2002 ވަނަ އަހަރުން ފެށިގެން ބަޔާންއަށް ކުޅެމުން އަންނަ ލާމް ވަނީ މިހާތަނަށް އެޓީމަށް 400 އަށް ވުރެ ގިނަ މެޗު ކުޅެދީފައެވެ. އަދި އޭނާ ވަނީ އެޓީމާއެކު ޖަރުމަނު ލީގު އަދި ޖަރުމަނު ކަޕް 6 ފަހަރު ހޯދާ ޗެމްޕިއަންސް ލީގެއް ވެސް ކާމިޔާބުކޮށްފައެވެ.
މަސްދަރު: ގޯލްޑޮޓްކޮމް
2018 ވަނަ އަހަރަށް ފަހުވެސް ކުޅުމަކީ އެކަށީގެންވާ ކަމެއް – ލާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ