ގާޒީ ހައްޔަރުކުރުމުގައި އަޅުގަނޑުގެ ދައުރެއް ނޯންނާނެ: ނަޝީދު

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމުގައި އެ މަނިކުފާނުގެ އެއްވެސް ދައުރެއް ނޯންނާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި، ނަޝީދުގެ މައްޗަށް އުފުލާފައިވާ 13 އަހަރުގެ ޖަލުހުކުމް ރިވިއުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ޖަވާބުދާރީވަމުން ނަޝީދު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރީ އެމްއެންޑީއެފުން ކަމަށާއި، އެކަމުގައި އެ މަނިކުފާނާ އެއްވެސް މަޝްވަރާއެއް އަރުއްވާފައިި ނުވާނެ ކަމަށެވެ.
މިއީ މި މައްސަލައިގައި ނަޝީދު މިހާ ސާފްކޮށް ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެެވެ. މީގެ ކުރިން މި މައްސަލައިގައި ނަޝީދު އެއްވެސް ތަނެއްގައި ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ.
މި މައްސަލައިގައި ނަޝީދުގެ ގާނޫނީ ވަކީލާ ހިސާން ހުސައިން ވިދާޅުވީ މި މައްސަލަ ރިވިއުކުރުމުގައި ކޯޓުތަކުގެ ގާނޫނުގެ ދަށުން ހުރަހެއް ނެތްކަމަށެވެ. އަދި މި މައްސަލައަކީ ގާނޫނޫ އަސާސީގެ 223 ވަނަ މާއްދާއާއި ޕީޖީގެ ގާނޫނުގެ 15 ވަނަ މާއްދާއާ ހިލާފަށް ކުރިއަށް ގެންދެވިފައިވާ މައްސަލައެއް ކަަމަށެވެ. އަދި މި މައްސަލައިގައި ގަދަކަމުން މީހަކު ފޮރުވުމުގެ އުންސުރުތައް ވެސް މި މައްސަލައިގައި ހަމަ ނުވާކަމަށް ހިސާން ވިދާޅުވިއެވެ.
އަދި އަބްދުﷲ ގާޒީ ހައްޔަރު ކުރެއްވި އިރު ވެސް ސުޕްރީމް ކޯޓުން އަމުރުތައް ނެރުނީ އެމްއެންޑީއެފުގެ މައްޗަށް ކަމަށާއި، އަބްދުﷲ ގާޒީ ދޫކޮށްލައްވަން ނަޝީދުގެ މައްޗަށް އަމުރެއް ނެރެފައި ނުވާ ކަމަށެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ އޮޕަރޭޝަނަކީ ފުލުހުންނާއި އެމްއެންޑީއެދުން އެދިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.
މިއަދުގެ އަޑު އެހުމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ސުޕްރީމް ކޯޓުން މީގެ ކުރިން ކުރި ހުކުމަކީ މައުލޫއީ ގޮތުން ނިހާއީ ހުކުމެއް ނޫންކަމަށެވެ.
މި މައްސަލާގެ ހުކުމް ރިވިއު ކުރުމުގެ ފުރަތަމަ އަޑުއެހުން މިއަދު ބޭއްވި އިރު، މި މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ.
ނަޝީދު މި މައްސަލައިގައި އޭނާގެ އެއްވެސް ބައިވެރިވެވަޑައިގަތުމެއް ނެތްކަމަށް ވިދާޅުވިއިރު، އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގެ މާޗް 28، 2013 ގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު ވިދާޅުވީ އަބްދުﷲ ގާޒީ ދިރިއުޅުއްވާ ގެއަށް ސިފައިންގެ ޓީމެއް ގޮސް އޭނާ ހައްޔަރު ކުރީ ވެސް އަދި ފެބުރުވަރީ ހަތްވަނަ ދުވަހު ދޫކޮށްލީ ވެސް ރައީސް ނަޝީދުގެ އޯޑަރަށް ކަމަށެވެ.
ތޮލްހަތު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް އޯޑަރު ކޮށްފައި ވަނީ ރައީސް ނަޝީދު ކަމަށާއި އެހެންކަމުން ސިފައިން އެ އަމުރު ތަންފީޒު ކުރާނެ ކަމަށެވެ. އަދި އެކަމާ ގުޅެގޮތުން އެންމެ ބޮޑަށް ޖަވާބުދާރީ ވެވޭނީ ރައީސް ނަޝީދަށް ކަމަށް ވެސް ތޮލްހަތު ވިދާޅުވިއެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރަން ރައީސް ނަޝީދު އަމުރުކޮށްފައި ވަނީ ގާނޫނީ ވަކީލުންނާއި ބަންޑާރަ ނާއިބާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށާއި އެހެންކަމުން ރައީސް ނަޝީދުގެ އޯޑަރު އަންނާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށް ވެސް ތޮލްހަތު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ އަމުރު ރައީސް ނަޝީދު ކޮށްފައި ވަނީ މުލިއާގޭ ތެރޭގައި ހުރެގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ