މަހަކު އެއްފަހަރު ޓުއަރިޒަމް މިނިސްޓްރީގެ ޚިދުމަތްތައް ރަށްތަކަށް

އއ.ރަސްދޫއިން އަލީ ވިސާމް؛
ހެޔޮ ބަދަލެއްގެ ގޮތުގައި ކޮންމެ މަހަކު އެއްފަހަރު ހުޅުވާލެވިފައިވާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ޓުއަރިޒަމް މިނިސްޓްރީން ނިންމާފައިވާކަމަށް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.
"ގެސްޓްހައުސް ސިމްޕޯޒިއަމް 2018" ބާއްވާ ތާރީޚް އިޢުލާން ކުރުމަށް ރޭ އއ.ރަސްދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވީ، މަހަކު އެއްފަހަރު އެ މިނިސްޓްރީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ބޭނުން ސުވާލެއް ކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.
"ޓުއަރިޒަމް މިނިސްޓްރީން ނިންމާފައިވަނީ، ރާއްޖޭގެ މީޑިއާއާ މަހަކު އެއްފަހަރު ބައްދަލުކޮށް، ބޭނުން ސުވާލެއް ކުރަން ޓުއަރިޒަމް މިނިސްޓްރީގެ ދޮރުތައް ހުޅުވާލަން" މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވިއެވެ.
ޢަލީ ވަހީދު ވިދާޅުވީ، ޓެކްނިކަލީ ރާއްޖޭގެ ރައްޔިތުން ޓުއަރިޒަމް މިނިސްޓްރީން ބޭނުންވާ ޚިދުމަތްތައް ރައްޔިތުންނާ ހަމައަށް ގެންގޮސްދިނުމުގެ މާތް މަޤްޞަދުގައި، މަދުވެގެން މަހަކު އެއްފަހަރު، ރަސްމީކޮށް މިނިސްޓްރީގެ މަސައްކަތް ރާއްޖޭގެ ރަށްރަށާ ހަމައަށް ގެންދަވާނެ ކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ އާ ސަރުކާރަކީ ލާމަރުކަޒީ ބާރުވެރިކަމުގެ ތެރެއިން ވުޖޫދުވެގެންއައި ސަރުކާރެއް، އަދި އަބަދު ރަށްރަށު މީހުން މާލެ ދިއުމުގެ ބަދަލުގައި، ބާރުތައް ރަށްރަށާ ހަމައަށް ދިއުމަކީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އެއް ވިސްނުން." ޓުއަރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ރަށްތަކަށް ކުރައްވާ ދަތުރުތަކުގައި އެ މިނިސްޓްރީގެ ހުރިހާ ޑިޕާޓްމަންޓެއްގެ ޓެކްނިކަލް ސްޓާފުން ބައިވެރިވާނެ ކަމަށާއި، ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން ރައްޔިތުން ބޭނުންވާ މަޢުލޫމާތާއި، ކުރަން ބޭނުންވާ ސުވާލުތައް މިނިސްޓްރީގެ ޓީމަށް ކުރެވޭނެ ކަމަށެވެ. އެގޮތުން ފުރަތަމަ ރަށެއްގެ ގޮތުގައި މިއަދު (ހޮނިހިރު) އއ.ރަސްދޫގައި ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
"އަމާޒަކީ މިސަރުކާރުގެ ދައުރުގައި ރާއްޖޭގެ ހުރިހާ ގެސްޓްހައުސް ވިޔަފާރުކުރާ ރަށްތަކާއި، ފަތުރުވެރިކަމުގެ ރިސޯޓް ހިންގާ ރަށްތަކާއި، ވިޔަފާރި އަދި ކްރޫޒްލައިން ފަދަ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ހުރިހާ ފަރާތްތަކެއްގެ ކައިރިއަށް ދިއުން، ﷲ އިރާދަކުރެއްވިއްޔާ މި މިނިސްޓްރީ ހިނގާނީ ހުރިހާ އެންމެނަށް ސަރވިސްދޭ، ހުރިހާ އެންމެންގެ ވުޒާރާއެއްގެ ގޮތުގައި." ޢަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރ އަލީ ވަހީދު ރަސްދޫއަށް ކުރައްވާ ދެދުވަހުގެ މި ދަތުރުފުޅުގައި މިއަދު ހެނދުނު އއ.އަތޮޅު ކައުންސިލް އަދި ރަސްދޫ ކައުންސިލާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، އެރަށުގައި ހިންގާ ގެސްޓްހައުސްތަކުގެ ވެރިންނާ ބައްދަލުކޮށް ގެސްޓްހައުސްތަކުގެ ޚާލަތު ބައްލަވާލެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ