މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ހުށައަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުން އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފި އެވެ. އެ މައްސަލައިގެ އަޑުއެހުން ތާވަލު ކޮށްފައިވަނީ އެ ދުވަހުގެ މެންދުރު ފަހު 13.00ގަ އެވެ.
މިދިޔަ ބުދަ ދުވަހު ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށައެޅުއްވީ ރިޔާސީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީނެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން ޖުޑީޝަލް ސާރވިސް ކޮމިޝަން ކަނޑައަޅުއްވާފައިވާ މުހައްމަދު ސަލީމް (ރޭނީސް ސަލީމް) އާއި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި ގާނޫނީ ވަކީލު އަބްދުﷲ ސިޔާޒެވެ. ރޭނީސް ސަލީމު ވިދާޅުވީ އިންތިހާބާ ގުޅޭ ގިނަ ޝަކުވާތަކެއް ޕީޕީއެމް އޮފީހަށާއި ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ބޭފުޅުންނަށް، ރައީސް ޔާމީންއަށް ސަޕޯޓް ކުރާ ފަރާތްތަކުން ހުށަހަޅާފައިވާތީ އިންތިހާބީ ޝަކުވާގެ ގޮތުގައި ސުޕްރީމް ކޯޓަށް ދުސްތޫރީ އެ މައްސަލަ ހުށަހެޅުއްވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އެދިފައިވަނީ ކޮންކަމަކަށް ކަމެއް ރޭނީސް ސަލީމް ވިދާޅެއް ނުވެއެވެ. ސަލީމު ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވަނީ ރިޔާސީ އިންތިހާބާ ގުޅޭ ޝަކުވާތަކެއް ކަމަށެވެ. ރޭނީސް ސަލީމަކީ ރައީސް ޔާމީންގެ އަރިސް ޤާނޫނީ ވަކީލެކެވެ.
ރިޔާސީ އިންތިހާބާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުމުގައި އިސްކޮށް އުޅުއްވާ ރޭނީސް ސަލީމަކީ ރައީސުލްޖުމްހޫރިއްޔާ ފަރާތްޕުޅުން ޖޭއެސްސީގައި އިންނަވާ މެމްބަރެވެ. އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ" ސުވާލު ކުރުމުުން ސަލީމް ވިދާޅުވީ އެއީ ޤާނޫނީ އެއްވެސް މައްސަލައެއް ދިމާވާނެ ކަމެއް ނޫން ކަމަށެވެ. އޭނާއަށް އެމައްސަލައިގައި ވަކާލާތު ކުރެއްވޭނެ ކަމަށް ވެސް ރޭނީސް ސަލީމު ވިދާޅުވިއެވެ.
އިންތިހާބީ ޝަކުވާގެ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހަޅުއްވާފައިވާ އިރު، އެމަނިކުފާނު ވަނީ ރަސްމީކޮށް، ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޕާޓީ ކަމަށްވާ ޕީޕީއެމްއިން ވެސް ރަސްމީކޮށް، އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ގަބޫލުކޮށް، އިންތިހާބުގެ ނަތީޖާ ގަބޫލު ކޮށްފައިވެއެވެ. ނަމަވެސް ފަހުން ރައީސް ޔާމީން ވެސް އަދި ޕީޕީއެމުން ވެސް ވަނީ އިންތިހާބުގައި ގަބޫލު ނުކުރެވޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ.
އިންތިހާބާ ގުޅޭ ގޮތުން ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގާ ޖަވާބުދާރީވުމަށް ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނަށް ބުރާސްފަތި ދުވަހުވަނީ އަންގާފަ އެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޕްރީމް ކޯޓުން އިލެކްޝަން ކޮމިޝަނަށް އންގާފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ 11:00ގެ ކުރިން އެމައްސަލައިގާ އެކޮމިޝަނުން ޖަވާބުދާރީ ވުމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ހެނދުނު އިބްތިދާއީ އަޑުއެހުން ބާއްވައި ލިޔުންތައް ހަވާލުކޮށްފައިވާ ކަމަށެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމިނަށް 41.6 އިންސައްތަ ވޯޓު ލިބިވަޑައިގެންނެވިރު އެމްޑީޕީގެ ކެންޑިޑޭޓް،އިބްރާހިމް މުހައްމަދު ސޯލިހް މި އިންތިހާބު ކާމިޔާބު ކުރެއްވީ 58.4 އިންސައްތަ ވޯޓު ލިބިވަޑައިގެންނެވެ. މި މި އިންތިހާބުގެ ނަތީޖާއާމެދު އިންތިހާބުން ބަލިވި ކެންޑިޑޭޓާއި އެ ކެންޑިޑޭޓް ނިސްބަތްވެވަޑައިގަންނަވާ ޕާޓީން ފިޔަވާ އެހެން ބަޔަކު ފާހަގަ ވެސް ކުރައްވާފައިނުވެ އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ސުޕްރީމް ކޯޓަށް ހުށައެޅި އިންތިހާބާ ގުޅޭ މައްސަލައިގެ އަޑުއެހުން އާދިއްތަ ދުވަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ