ކޯލިޝަންސަރުކާރުގެ ބަޖެޓް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުށަހެޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
2019 ވަނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ އިދިކޮޅު ކޯލިޝަނުން ފޮނުވާ ބަޖެޓު ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެފައި ވާއިރު، ބަޖެޓު ތައްޔާރު ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީ އާއި އިދިކޮޅު ކޯލިޝަނުން ގުޅިގެން އަންނަނީ ކުރަމުންނެވެ.
މާލިއްޔަތުގެ ގާނޫނުގައިވާ ގޮތުން ކޮންމެ މާލީ އަހަރެއް ފެށުމުގެ ދެ މަސް ކުރިން ބަޖެޓު ތައްޔާރުކޮށް މަޖިލިހަށް ހުށަހަޅަން ޖެހެ އެވެ. އެކަމަކު، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރައްވައި އާ ސަރުކާރު އުފެދޭނީ ބަޖެޓު މަޖިލިހަށް ހުށަހަޅަން އޮންނަ ތާރީޚަށް ވުރެ ފަހުންނެވެ. ދައުލަތުގެ ބަޖެޓު ހުށަހަޅަން އޮންނަ އެންމެ ފަހުގެ ތާރީޚަކީ އޮކްޓޯބަރު 31 އެވެ.
އޮޑިޓް އޮފީހުގެ 2019 ވަނަ އަހަރުގެ ބަޖެޓު ކަނޑައަޅައި މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓަށް ބަހުސް ކުރައްވަމުން ނަޝީދު ވިދާޅުވި ގޮތުގައި މާލިއްޔަތު ގާނޫނުގައި އެންމެ ފުރަތަމަ ކަނޑައެޅީ ދައުލަތުގެ ބަޖެޓު ހުށަހަޅަން ވާނީ އަހަރު ނިމުމުގެ އެއް މަސް ދުވަސް ކުރިން ނެވެ.
ނަމަވެސް އަހަރު ނިމުމުގެ ދެ މަސް ކުރިން ދައުލަތުގެ ހުށަހަޅާ ގޮތަށް ބަދަލު ކުރީ ސްކޫލް ކުދިންގެ ޗުއްޓީއާއެކު، މެމްބަރުން ވެސް ބޮޑު ޗުއްޓީއަށް ވަޑައިގަތުމަށް ބޭނުންވުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތަށް ބަދަލު ކުރުމުން، މިނިސްޓްރީން ބޮޑު ޕްރެޝަރަކާ ކުރިމަތިލަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އިންތިޚާބީ ރައީސް އިބޫ އެކުލަވާލަން ތައްޔާރުވަމުން އަންނަ ސަރުކާރަށް ދައުލަތުގެ ބަޖެޓު ހުށަހަޅަން އެކަށީގެންވާ ފުރުސަތެއް ދޭން ޖެހެ އެވެ.
މީގެއިތުރުން، ވަގުތީ ހައްލެއް ހޯދުމަށް 100 ދުވަހުގެ މަސައްކަތުގެ ޕްރޮގްރާމްތަކަށްވާ ހަރަދު ހިމަނައިގެން ބަޖެޓު ގެނައުމަކީ މުޅި މަންޒަރު ފެންނާނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންވެ، މި އަހަރުގެ ތަޖުރިބާއަށް ބަލާފައި މާލިއްޔަތު ގާނޫނަށް އިސްލާހު ގެނެސް، ފަސް އަހަރުން އެއް އަހަރު ވެރިކަން ބަދަލުވާނަމަ، ބަޖެޓު ހުށަހެޅުމުގެ ފުރުސަތު ދަންމާލަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މި އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައި ވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ކޯލިޝަން ސަރުކާރުގެ ބަޖެޓް، ރައީސް ޔާމީންގެ ސަރުކާރުން ހުށަހެޅުމަކީ ރަނގަޅު ކަމެއް ނޫން: މެމްބަރު ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ