150،000 ޑޮލަރު ދައްކަން ހުކުމްކުރި ހުކުމް އިސްތިއުނާފް ކުރާނަން: މެމްބަރު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު, އިންޑިއާގެ ރައްޔިތަކަށް 150،000 ޑޮލަރު (2.3 މިލިއަން ރުފިޔާ) ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ އެވެ.
ސިވިލް ކޯޓުން ބުރާސްފަތި ދުވަހު އެ ހުކުމް ކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޑރ. އަލަކާ ސިންގ އިންވެސްޓްކުރި "ބަރުތީލަ" ކިޔާ ސަފާރީއެއް ވިއްކާލުމުގެ މުއާމާލާތް ނަޝީދު ހިންގައިދެއްވުމުގައި މާ ހެޔޮ އަގެއްގައި ވިއްކާފައިވާތީ، އޭނާ އަމިއްލަ ހަސިއްޔަތުން ދެއްވަން އެއްބަސްވި ފައިސާ ހޯދަން ކުރި ދައުވާ ސާބިތުވެގެންނެވެ.
އެ ދައުވާއަށް ނަޝީދު ވަނީ އިންކާރުކުރައްވާފައެވެ. ނަމަވެސް އެ މައްސަލައިގައި ޝަރީއަތަށް ފާހަގަ ކުރެވުނު ކަންކަމުގެ ގޮތުގައި، ޑރ.އަލަކާ އިންވެސްޓްކުރި ސަފާރީ ތިން ވަނަ ފަރާތަކަށް ވިއްކާލުމަށް ފަހު އެއަށް އިންވެސްޓްކުރުމަށް އަލަކާ ކުރި ޚަރަދުން މަދުވާ މިންވަރަށް ޒިންމާވާން ޖެހޭނީ ނަޝީދު ކަމަށް އަމިއްލައަށް ގަބޫލުކުރައްވާކަން އޭނާ ފޮނުއްވި މެއިލްއަކުން އެނގޭ ކަމަށް ހުކުމުގައި ބުނެފައިވެއެވެ. އެގޮތަށް ކުޑަ އަގެއްގައި ސަފާރީ ވިއްކާލުމުން އިންވެސްޓްކުރުމަށް ކުރި ޚަރަދުން މަދުވާ އަދަދަށް ފައިސާ ދޭނެ ކަމަށާއި އެކަމާމެދު ދެކެނީ ކިހިނެތްތޯ ވެސް މި ދައުވާކުރި ޑރ. އަލަކާގެ ގާތުގައި އައްސަވާފައިވާ ކަން އެނގޭ ކަމަށްވެސް ޝަރީއަތުން ފާހަގަކޮށްފައިވެއެވެ.
އަލަކާ އާއި ނަޝީދުއާ ދެމެދު އެ ސަފާރީ ވިއްކާލުމަށް އެއްބަސްވީ 400،000 ޑޮލަރަށެވެ. ނަމަވެސް އެ ސަފާރީ ވިއްކާލާފައިވަނީ 250،000 ޑޮލަރަށެވެ. އެހެންވެ، އެއްބަސްވި އަދަދަށް ވުރެ މަދުވާ 150،000 ޑޮލަރު ޑރ. އަލަކާއަށް ދިނުމަށް ނަޝީދު އެއްބަސްވެފައި އޮތްކަން ހުށައަޅާފައިވާ ލިޔުންތަކުން އެނގެން އޮންނަ ކަމަށް ގާޒީ މުހައްމަދު ހަލީމް ކުރެއްވި ހުކުމުގައިވެއެވެ.  
ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ކުރި އެހުކުމާއި ގުޅިގެން މަޝްހޫރު ގާނޫނީ ވަކީލު ނަޝީދު ނެރުއްވި ބަޔާނެއްގައިވަނީ އެ ދައުވާއަކީ އޭނާގެ އެއްވެސް މީހެއްގެ އަތުން ގަތް މުދަލަކަށް ނުވަތަ ހޯދި ހިދުމަތަކަށް އަގު ނުދީގެން ނުވަތަ ދަރަންޏެއް ނުވަތަ ފައިސާއެއް ނުދައްކައިގެން ކުރި ދައުވާއެއް ނޫން ކަމަށެވެ.
އެ ދައުވާ އުފުލާފައި އޮތީ ޑރ. އަލަކާ ބޭނުންވި މިންވަރަށް ފައިސާ ނުލިބޭތީ، އޭނާއަށް އެހީތެރިވުމުގެ ގޮތުން ނަޝީދު ފޮނުވި އީމެއިލްއެއްގެ މައްޗަށް އެކަނި ބިނާކޮށްގެން ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ އީމެއިލްއަކީ ގާނޫނީ ގޮތުން ތަންފީޒު ކުރެވިދާނެ ހުށަހެޅުމެއް ނުވަތަ ޒިންމާއެއް ވެސް އުފައްދާ ފަދަ އެއްޗެއް ނޫން ކަމަށް ޑރ. އަލަކާ އީމެއިލް އިން ޖަވާބު ދީފައި އޮތް ވެސް އެ އެ ބަޔާނުގައިވެ އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ