ނަޝީދުގެ ފަރާތުން ސުޕްރީމް ކޯޓަށް ޖަވާބު ހުށަހަޅައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ 13 އަހަރުގެ ޖަލު ހުކުމް ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެމަނިކުފާނުގެ ފަރާތުން ކޯޓަށް ޖަވާބު ހުށަހަޅައިފި އެވެ. ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައެވެ. ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ)އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ)ގެ ދަށުނެވެ. އެ މައްސަލަ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅުކަމަށް ހައިކޯޓުންވެސް ވަނީ ނިންމާފައެވެ. އަދި އެ ހުކުމް ރަނގަޅުކަމަށް ސުޕްރީމް ކޯޓުންވެސް ވަނީ ބުނެ، ފަހު ބަސް އިއްވާފައެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ދާދި ފަހުން ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އެ އޮފީހުން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލައިގަނެފަ އެވެ. މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވީ ނަޝީދުގެ ފަރާތްޕުޅުން ހުށަޅާ ޖަވާބު މިއަދު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. On behalf of President @MohamedNasheed we just submitted to Supreme Court our written response to PG’s request to review his case. #freepresidentnasheed https://t.co/pGm8cLKeUD — Hisaan ????؟ (@hisaanhussain) November 8, 2018 އެ މައްސަލަ ބަލައި ނިމެންދެން އެމަނިކުފާނުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. ނަޝީދުގެ ފަރާތްޕުޅުން އެމަނިކުފާނުގެ ޖަވާބު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިރު އެމަނިކުފާނު މިހާރު ހުންނެވީ އައްޑު ސިޓީގަ އެވެ. އެމަނިކުފާނުގެ ދަތުރުފުޅުގައި ދަނީ އައްޑޫގެ ރައްޔިތުންނާ ބައްދަލު ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ