2018 ވަނަ އަޖަރު ފެށިގެން އައީ މީދޫއަށް ފުޓުބޯޅައިގެ ޢީދެއް ގެނުވަމުންނެވެ. އަހަރުގެ ތެރޭގައި އަތޮޅުތެރެއަށ އަންނަ އެންމެ ބޮޑު ކުޅިވަރު ޢީދުކަމުގައިވާ 'މިނިވަން ޗެމްޕިއަންޝިޕް' ގެ ފޯރި އަހަރުގެ ކުރީކޮޅުން ފެށިގެން އައީ ގަދަވަމުންނެވެ.
އެހެން އަހަރުތަކެކޭ ޙިލާފަށް އަމިއްލަ ރަށުގައި މިއަހަރުގެ މުބާރާތް ކުޅެވޭތޯ މަސައްކަތް ކުރަމުން ގެންދިޔުމާއިއެކު މިއަހަރުގެ މުބާރާތަށް ރަށުގެ ކުދިބޮޑު އެންމެންގެ މެދުގައި އޮތް ފޯރި އެހެންއަހަރުތަކަށްވުރެ އެތައް ގުނައެއް އިތުރުވެގެންދިޔައެވެ. އެގޮތުން މުބާރާތް ބާއްވާނެ ރަށެއް ނިންމުމުގައި ހިނގާދިޔަ 'ކަންތައްގަނޑަކީ" ވެސް މުބާރަތާއިމެދު އެންމެންގެ މެދުގައި ޝައުޤުވެރިކަން އިތުރުވެގެންދިޔަ ކަމެއްކަން ފާހަގަކޮށްލެވެއެވެ.
ރަށުގެ ކުދިބޮޑު އެންމެން 'އެއްބައެއް، އެއް ރަށެއް' އަށް ހަދައިދޭ މި މުބާރާތަށް ފެބްރުއަރީ، މާރިޗު އަދި އޭޕްރީލް މަހުގެ ތެރޭގައި މީދޫގެ ގިނަ ބަޔަކު އަގުނުކުރެވޭ ވަރުގެ ބުރަ މަސައްކަތްތަކެއްކޮށްފައިވެއެވެ. އެ ބުރަ މަސައްކަތުގެ ނަތީޖާވެސް 2018 ވަނަ އެހާ ފޮނިވެސްމެއެވެ.
މިއަހަރަކީ 2015 ވަނަ އަހަރުން ފެށިގެން މީދޫ ސްޕޯރޓްސް ކުލަބުން ބޮޑެތި ޙަރަދުތަކެއްކޮށް އެ ތައްޓަކަށް އަތުކުރި އޮޅާލައިގެން ހުރި އަތޮޅު މުބާރާތުގެ ތަށި އަމިއްލަ ފަސްގަނޑުގައި މުބާރާތްކުޅެ ބަހައްޓާލަން ލިބިގެންދިޔަ އަހަރެވެ. މިއީ މި އަހަރު ފުޓުބޯޅައިގެ ރޮނގުގައި 'ރަން' އަހަރަކަށް ވެގެންދިޔަ މައިގަނޑު ސަބަބެވެ. 2017 ވަނަ އަހަރު އުނގޫފާރު އަތުން ބަލިވެ ލިބުން ހިތްދަތިކަން އަމިއްލަ ރަށުގައި ކުޅުނު ފައިނަލް މެޗުގައި އުނގޫފާރު ބަލިކޮށް އުފާވެރިކަމަށް ބަދަލުކޮށްލެވުނެވެ.
މީގެ އިތުރުން އަތޮޅު މުބާރާތުގެ ތަށްޓާއިއެކު މިނިވަން ޗެމްޕިއަންޝިޕް ފެށިފަހުން ފުރަތަމަ ފަހަރަށް ޒޯން މުބާރާތުގައި މީދޫ އެސް.ސީން ކުޅުނީވެސް ނިމިގެންމިދިޔަ 2018 ވަނަ އަހަރުގައިއެވެ. ހަމައެއާއިއެކު ޒޯން މުބާރާތުގައި ކުޅުނު ފުރަތަމަ ފަހަރުވެސް ރ. އަތޮޅުގެ އެހެން ރަށަކުން ނުހޯދާވަރުގެ ބޮޑު ކާމިޔާބީއެއް މީދޫ ސްޕޯރޓްސް ކުލަބުންވަނީ ހޯދާފައެވެ. އެއީ ސަރަހައްދުގެ ގަދަ ބާރެއްކަމަށްވާ ނައިފަރު، ނައިފަރު ދަނޑުގައި ބަލިކޮށް މުބާރާތުގެ ފައިނަލަށް ދަތުރުކުރި ރ. އަތޮޅުގެ ފުރަތަމަ ޓީމަށް ވެގެންދިޔުމީ މީދޫ ސްޕޯރޓްސް ކުލަބަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއެވެ.
ޒޯން މުބާރާތުގެ ފައިނަލްގައިވެސް ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ތިބި ބ. ފެހެންދޫ ޓީމާއި ދެކޮޅަށް ކުޅެ ފައިނަލުން ބަލިވި ނަމަވެސް މީދޫ ސްޕޯރޓްސް ކުލަބުންވަނީ ރަނގަޅު ކުޅުމެއް ކުޅެފައެވެ. މިއީ އެންމެންވެސް އެއްބަސްވާ ހަޤީޤަތެކެވެ.
2018 ވަނަ އަހަރު ނިމިގެން މިދިޔައީވެސް މީދޫގެ ފުޓުބޯޅައަށް އުފާވެރި ޙަބަރެއް ދެމުންނެވެ. އެއީ މި ފެށުނު 2019 ވަނަ އަހަރަށް ލަފާކޮށް ތައްޔާރުކޮށްފައިވާ ދަޢުލަތުގެ ބަޖެޓުގައި މީދޫގައި ފުޓުބޯޅަ ދަނޑެއް ހެދުމަށް ބަޖެޓުކޮށްފައިވުމެވެ. ރަނގަޅު ފެންވަރެއްގެ ފުޓުބޯޅަ ދަނޑަކީ މިއަދު މީދޫގެ ޒުވާނުން އެންމެ ބޮޑަށް އެދިއެދި ހުރި އެއްކަންތަކެވެ. އުއްމީދަކީ 2019 ވަނަ އަހަރު މި އުއްމީދުތައް ހަޤީޤަތަކަށްވެގެންދިޔުމެވެ.
2018: މީދޫއަށް ފުޓުބޯޅައިގައި 'ރަން އަހަރެއް'!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ