ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް އަހުމަދު ލަތީފް

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތުން ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ހ. ސީވީޑް އަހުމަދު ލަތީފް އައްޔަން ކުރެއްވުމަށް ހުށަހަޅުއްވައިފި އެވެ. 
އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރުމާއެކު، ސަރުކާރު ބަދަލު ކުރުމުގެ ކަންކަން ކުރުމަށް އައްޔަނުކުރަންޖެހޭ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އާއި އޭނާގެ ދަށުން މަސައްކަތް ކުރާނެ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވި އެވެ. 
އަހުމަދު ލަތީފަކީ ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާ ސަފީރުކަން ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރާއްޖޭގެ މަޝްހޫރު ޓޭބަލް ޓެނިސް ކުޅުންތެރިއެކެވެ. 
މާރިއާ ވިދާޅުވީ  ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ކަންކަން އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން އިސްކޮށް ހުންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ކަމަށެވެ. 
ވެރިކަން ބަދަލުވުމުގެ މަރުހަލާއާބެހޭ ގާނޫނުގައިވާ ގޮތުން ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވާ ފަރާތުން އެދޭ ގޮތަށް ސިވިލް ސާރވިސް ކޮމިޝަނުން ނެވެ.
ސަރުކާރުގެ ފަރާތުންވެސް ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަންޖެހެ އެވެ. ނަމަވެސް މިހާތަނަށް ސަރުކާރުގެ ފަރާތުން އެމަގާމަށް އައްޔަން ކުރައްވާފައިވަނީ ކޮން ބޭފުޅެއްކަން ހާމައެއް ނުކުރެ އެވެ.
ދައުލަތުގެ ބައެއް އިދާރާތަކުގެ ލިޔެކިޔުންތައް ނައްތާލާކަމުގެ މައުލޫމާތު ވަރަށް ގިނައިން ލިބެމުން ދާކަމަށާއި އަދި އެފަދަ އަޑުތައް ވެސް ވަރަށް ގިނައިން އިވެމުންދާތީ މާރިޔާ ވަނީ ދައުލަތުގެ ލިޔެކިޔުންތައް ނައްތާ ނުލުމަށާއި އެފަދަ ކަންކަމަކީ ޖިނާއި ބޮޑެތި ކުށްތައް ކަމަށްވާތީ އެކަންކަމުން ދުރުވެ ތިއްބެވުމަށް އެފަދަ ކަންކަން ކުރައްވާ ފަރާތްތަތަކަށް ތަކުރާރުކޮށް ގޮވާލައްވާފަ އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ