ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ހިންގެވި ކަންތައްތައް ތަހުގީގު ކުރާނެ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުގެ މެމްބަރުކަން ވެސް ކުރައްވާ ޣަފޫރު، ބުރާސްފަތި ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މަސީހު، މަޖިލީހުގެ ބާރު ކަނޑުވާލި ކަމަށެވެ. މަސީހަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރައްވައި ޣަފޫރު ވިދާޅުވީ މަޖިލީހުގެ ރައީސްގެ މަގާމުގައި އިންނަވައިގެން މަސީހު ހިންގެވި ކަންތައްތައް ދިފާއު ކުރައްވައި، މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގެންނެވުމަށް އޭނާއަށް ކެރިވަޑައިނުގެންނެވި ކަމަށެވެ.
"މި މަޖިލިސް ހިސޯރަކޮށްގެން މި މަޖިލީހުގެ ކުރީގެ ރައީސް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މިތާ އިންނަވައިގެން މި މަޖިލީހުގެ ބާރުކަނޑުވާލައި، ދިވެހިރައްޔިތުންގެ ކުރިމަތީގައި މި މެމްބަރުން ނެރެ، މިތަންތަނުން ބޭރުކޮށްލާފައި، ކަމެއްގައި ޖެހުނީމަ، ނުކެރުނެއް ނޫންތޯ ހާޒިރުވެވަޑައިގަންނަވާކަށް. ނުކެރުނެ ހާޒިރުވާކަށް. ނުވެސް ކެރޭނެ. ވަޑައިގަންނަވާ އަޅުގަނޑުމެންގެ ކުރިމަތީގައި އިސްތިއުފާ ނުދީ ހާޒިރުވެ، ދިފާއު ކުރައްވާ. ބާތިލުވާނީ ބާތިލަށް،" ދެހާސްނުވަ ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާ ޣަފޫރު ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ތަހުގީގު ކުރަންޖެހޭނެ ކަމަށް އިޝާރާތް ކުރައްވައި، ގަފޫރު ވިދާޅުވީ އަނިޔާ ކުރި އެންމެން ހިފައި ހައްޔަރު ކުރަން ޖެހޭނެ ކަމާށެވެ. އަދި ގާނޫނާ ހިލާފަށް މަސީހު ހިންގެވި ކަންތައްތައް ގުޅިފައިވާ ޕާޓީތަކުން ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަނިޔާ ކުރި އެންމެން ހިފައި ހައްޔަރު ކުރަން ޖެހޭނެ. މި މަޖިލީހުގެ ރައީސް މިތަނުގައި ހިންގާފައިވާ ގާނޫނާ ހިލާފު ކަންތައްތައް ބެލެންޖެހޭނެ. އަޅުގަނޑުމެން ބަލާނަން. އެކަމަށްޓަކާ އަޅުގަނޑުމެން ތެދުވެ މިތިބީ. އެކަންކޮށްފައި ނޫނިއްޔާ އަޅުގަނޑުމެން ގެއަށް ނުވަންނާނަން،" ޣަފޫރު ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ވިދާޅުވީ ޕާޓީ ބަދަލު ކުރާ މެމްބަރުންނާއި ޕާޓީން ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހެދި އެންޓި ޑިފެކްޝަންގެ ގާނޫނަކީ ރައީސް ޔާމީންގެ ވެރިކަން ހިފެހެއްޓުމަށް ހެދި ގާނޫނެއް ކަމަށާއި އެ ގާނޫނީ ހެދި މީހުން މިއަދު ފިލާފައިވާ ކަމަށެވެ.
"މާމޮޅު ގާނޫނޭ ކިޔައި އެންޓި ޑިފެކްޝަންގެ ގާނޫނޭ ކިޔައި ކޮން ކަމެއްތޯ ކުރެވުނީ. ފަސް އަހަރުގެ ދައުރެއް ނިމިގެންދިޔައިރު، އެންމެ ހަތަރު މަހަށްވީމަ ރައީސް ޔާމީން ވެރިކަން ދަމަހައްޓަން ހިފަހައްޓަން އޮބިއަޅުވަން ހެދި އެއްޗެއް މީ. ކޯއްޗެއްތޯ ހަދާފަ މިއޮތީ. މި ހަދައިގެން ކޮން ކަމެއްތޯ ކުރެވުނީ. ކޮބައިތޯ މި ހެދި މީހުން މިއަދު. ފިލާ ރައްކާވެއްޖެ. ކޮބައިތޯ އެ މީހުންތައް. އަޅުގަނޑު ދަންނަވާނީ އިއްޒަތްތެރި ރައީސް މިހެނެއް ނުގެންގުޅެވޭނެއޭ. އިދާރާ ކުރެއްވިއްޔާ މި މަޖިލިސް ސާފުވެފައި، އަޅުގަނޑުމެންގެ ކޮންޓްރޯލްގެ ދަށަށް ގެންނާނަން. މިއޮތީ ގެނެސްފައި،" އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި މިހާރު އިންނެވި ލަތީފު ވިދާޅުވިއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
މަސީހު ހިންގެވި ގާނޫނާ ހިލާފު ކަންތައްތައް އަޅުގަނޑުމެން ބަލާނަން: މެމްބަރު ޣަފޫރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ