ސިފައިންގެ ފުލެޓް ނިންމާ ނުލެވުނީ ފައިސާ ނުލިބިގެން: ޑިފެންސް މިނިސްޓަރު

ސިފައިންގެ ފުލެޓް އަޅަންފެށީ އެއްވެސް ޕްލޭނެއް ނެތިކަމަށާއި، ފުލެޓްތަކުގެ މަސައްކަތް ނިންމާ ނުލެވުނީ ފައިސާ ނުލިބިގެން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ސިފްކޯ މެދުވެރިކޮށް އަޅަން ފެށި ފުލެޓްތައް އެކި ފަހަރު މަތިން ނިމޭނެކަމަށް ބުނެ ޑިފެންސް މިނިސްޓަރު މީގެ ކުރިން ވަނީ އެކި ތާރީހުތައް ދެއްވާފައެވެ. ނަމަވެސް އެއިރުވެސް ފުލެޓްގެ މަސައްކަތް ނުނިމި ހުރީ ފައިސާ ނުލިބިގެން ކަމަށާއި، ފައިސާ ލިބުމުގައި ދަތިތައް ހުރިކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސިފްކޯއިން ހަދަން ފެށި 300 ފުލެޓްގެ މަޝްރޫއަށް ސައުދީން ހިލޭއެހީ ލިބޭނެކަމަށް ބުނި ނަމަވެސް އެ އެހީ ވެސް ފަހުން ނުލިބޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އާދަމް ޝަރީފް ވިދާޅުވީ އޭނާ މަގާމާ ހަވާލުވެލެއްވި އިރު ވެސް ފުލެޓްތަކާ ގުޅޭ އެއްވެސް ލިޔެ ކިޔުމެއް ތައްޔާރުކުރެވި ފައިސާ ހޯދާނެ ގޮތެއް ކަނޑައަޅާފައި ނުވާ ކަމަށެވެ.
އަދި ފުލެޓްތައް ނިންމުމަށް ސިފްކޯއަށް ރާއްޖޭގެ ބޭންކުތަކުން ފައިސާ ދޫކޮށްފައި ނުވާ ކަމަށާއި، ބޭންކްތަކުން ފައިސާ ނުލިބުނީ އެއީ ކޯޕަރޭޓިވް އެއް ކަމުން ކަމަށެވެ. ނަމަވެސް ފަހުން އެތަން ކުންފުންޏަކަށް ބަދަލުވުމާއެކު ލޯނު ލިބޭނެ ގޮތް މިހާރު ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ދައުރުގައި ފެށްޓެވި މި ޕްރޮޖެކްޓް ފުރަތަމަ ހަވާލުކުރެވުނީ ނޫމަޑި ރިސޯޓް އެންޑް ރެސިޑެންސާއެވެ. ނަމަވެސް ފަހުން ފުލެޓްގެ މަސައްކަތް މިނިސްޓްރީއާ ސަރުކާރާ ގުޅިގެން ކުރިއަށް ގެންދިއުމަން ނިންމިއެވެ. ސިފައިންނަށް ހާއްސަކޮށްގެން އިމާރާތް ކުރުމަށް ނިންމާފައިވަނީ 3 ކޮޓަރީގެ 900 އަކަފޫޓްގެ އެޕާޓްމަންޓް ތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ