ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، ކޯލިޝަން ސަރުކާރެއް އިއުލާނު ކުރެއްވީ، މަޝްވަރާ ކުރެއްވުމެއް ނެތި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް ކުރެއްވި ޓްވީޓެއްގައި މިކަން ހާމަކުރައްވައި ވިދާޅުވީ، ގާސިމް އެ ކޯލިޝަން އިއުލާނުކޮށްފައި ވަނީ ކުއްލި ގޮތަކަށް، ހިޔަނި ކެބިނެޓްގެ މަޝްވަރާއެއް ނެތި ކަމަށެވެ.
"ރައީސް މައުމޫން، އަދާލަތް ޕާޓީ އަދި ހިޔަނި ކެބިނެޓްގެ ވަޒީރުކަން ދެއްވި ބައެއް ބޭފުޅުންނާއިވެސް މަޝްވަރާ ކުރެއްވުމެއް ނެތި ކުއްލި ގޮތަކަށް އިއުލާން ކުރެއްވީމަ ވަރަށް ބޮޑަށް ހައިރާން ވެއްޖެ،" މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް މިގޮތަށް ވިދާޅުވެފައި ވަނީ، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ ބާކީކޮށް ވަކިން ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގައެވެ. ގާސިމް ވަނީ އެމްޑިޕީ އެއްވެސް މެމްބަރަކު ނުހިމެނޭ ގޮތަށް ކޯލިޝަން ސަރުކާރެއްގެ ކެބިނެޓަށް 22 ނަމެއްވެސް ހުށަހަޅާފައެވެ.
ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ކޯލިޝަން އެއް ނެރޭނީ މިހާރު އޮތް ކޯލިޝަނުން ސާފު ކެންޑިޑޭޓެއް ނެރެން އެއްބަސް ނުވެއްޖެ ހާލަތެއްގައި ކަމަށެވެ. ނަމަވެސް ގާސިމް ވަނީ އިންތިޚާބުގައި ވެރިކަންކުރާ ޕީޕީއެމްގެ އިތުރުން އެމްޑީޕީއަށްވެސް ވޯޓު ނުދިނުމަށް ގޮވާލާފައެވެ.
އެމްޑީޕީ އާއި ޕީޕީއެމް އަށްވެސް ވޯޓު ނުދިނުމަށް ގާސިމް ގޮވާލައްވައިވާއިރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ، ކޯލިޝަންގެ މަޝްވަރާއާއި ނުލައި އެމްޑީޕީގެ ފަރާތުން އަންނަ ރިޔާސީ އިންތިޚާބަށް ވާދަކުރުމަށް ނިންމަވައި "ޖަޒީރާ ރައީސް"ގެ ނަމުގައި ކެމްޕޭންވެސް ފައްޓަވާފައެވެ. މިކަމުގެ ސަބަބުން އިދިކޮޅު ކޯލިޝަން ވަނީ ބައިބައިވެ ރޫޅިފައެވެ.
ގާސިމް ކޯލިޝަން ސަރުކާރު އިއުލާނުކުރެއްވީ މަޝްވަރާ ކުރުމެއް ނެތި - މަހްލޫފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ