އަޅުގަނޑު މިހުރީ ބޭސްފަރުވާގައި، ފުލުހުންނަށް ކަނޑާލެވުނީ ކޯޓުގެ ހުރުމަތް: ގާސިމް

ބޭސްފަރުވާގައި ހުއްޓާ ފިލައިގެން އުޅޭ ކަމަށް ބުނެ ފުލުހަށް ހާޒިރުވާން އާންމުކޮށް އިއުލާން ކުރުމަކީ ކޯޓުގެ ހުރުމަތް ކަނޑާލުން ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލިޑަރު ގާސިމް އިބްރާހީމް ފުލުހުންނަށް ރައްދު ދެއްވައިފި އެވެ.
ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ މާދަމާ 2 ޖަހާއިރަށެވެ. ގާސިމަށް ޗިޓް ފޮނުވާފައިވަނީ ޓްވިޓާ މެދުވެރިކޮށެވެ. މި ޗިޓަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.
ގާސިމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ، "އެ އަމުރުގައިވާ ފަދައިން އަޅުގަނޑު ބޭސްފަރުވާގައި ހުއްޓާ ފިލައިގެން އުޅޭ މީހެއް ކަމަށް ބުނެ މޯލްޑިވްސް ޕޮލިސް ސާވިސް އަށް އަޅުގަނޑު ހާޒިރުކުރަން މަސައްކަތް ކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުންކަމަށް އަޅުގަނޑު ދެކެން" ކަމަށެވެ.
ކޯޓުގެ އަމުރަށް ތަބާވާން ޖެހޭނެކަމަށް ބުނެ ގާނޫނޫ ނަންބަރު 22/2010 ގެ 77 ވަނަ މާއްދާގެ ވާހަކަ ވެސް ގާސިމް ވަނީ އޭނާގެ ޓްވީޓުގައި ހިމަނުއްވާފަ އެވެ.
މިދިޔަ ހަފްތާގައި ގާސިމަށް ޓްވިޓާ މެދުވެރިކޮށް ފުލުހުން ޗިޓް ފޮނުވީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގައި ދަށުގައި ހުކުމް ތަންފީޒުކުރަމުން ގެންދަނިކޮށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށްޓަކައި ފޮނުވާލުމުން، ބޭސްފަރުވާ ކުރުމަށް ހުއްދަ ދީފައިވާ މުއްދަތު ހަމަވުމަށްފަހު އަނބުރާ ރާއްޖެ ވަޑައިގެންފައި ނުވާތީ އެކަމާ ގުޅިގެން ބަޔާން ނެގުމަށެވެ.
ގާސިމް އިބްރާހީމް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެންފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު އެވެ. ސިންގަޕޫރަށް ބޭސްފަރުވާއަށް ވަޑައިގެންނެވުމަށް ފަހު، ޖަރުމަނުވިލާތުގެ ހިމާޔަތް ހޯއްދަވައިގެން، ގާސިމް ގެންދަވަނީ އެ ގައުމުގައި ހުންނަވައިގެން ސިޔާސީ މަސައްކަތް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ