ދަރިންނަށް އަޅާނުލައި ނުފެނި އުޅެފަ ބޮޑުވުމުން އައިސް މާފަށް އެދުނީމަ މާފުކުރިޔަސް ލޯބި ނުވާނެކަމާ އެކުގަ އުޅޭކަށްވެސް ބޭނުމެއް ނުވާނެކަން އެނގިގެންދާ ޢިބްރަތްތެރި ވާހަކައެއް!

ޝަޒްމާ އޭނާގެ މަންމަގެމަތިން ހަނދާން ހުރެއެވެ. މަންމަގެ ލޯބިލިބިގެން މަންމައާއިއެކު އުޅެން ލިބުނު މަދު ދުވަސްކޮޅުގެ ހަނދާންތައް ހުންނަނީ ވަރަށް ކުޑަކޮށެވެ. މަންމަ ނިޔާވީ ދެވަނަ ދަރިފުޅަށް ބަލިވެ އިނދެ ވިހެއުމުގެ ތެރޭގައިކަންވެސް ހަނދާންހުރެއެވެ. ދެން ޝަޒްމާ ހަނދާން ހުންނަނީ އޭނާގެ ބައްޕަ ގެއްލުނުކަމެވެ. 
ޝަޒްމާ ގެންގުޅެ ބޮޑުކުރީ ބޮޑުދައިތައެވެ. މަންމަ އާއި ބައްޕަ ނެތްތަނެއް ނުދައްކައެވެ. އަމިއްލަ ދަރިއެއް ފަދައިން ލޯބިދިނެވެ. ކިޔަވައިދިނެވެ. ހޭލުންތެރި ރަނގަޅު ދަރިއެއްގެ ގޮތުގައި ތަރުބިއްޔަތުކުރިއެވެ.  
ޝަޒްމާއަކީ ރީތި ކުއްޖެކެވެ. ހީވާގި ތޫނުފިލިކުއްޖެކެވެ. ތެދުވެރިކުއްޖެކެވެ. އެހެންކަމުން ކައިވެންޏަށް އެދިގެން ގިނަބައަކު އައެވެ. ނަމަވެސް ޝަޒްމާ އެއްބަހެއް ނުވެއެވެ. އެކަމާއި ބޮޑުދައިތަ ސުވާލުކުރުމުން ބުނަނީ އޭނާ އެމީހެއްގެ ލޯތްބަށް އެންމެ ބޮޑަށް ބޭނުންވި ދުވަހު އޭނާ އެއްލާލާފައި ބައްޕަ ފިލީ ކަމަށެވެ. ވީމާ އެއްވެސް ފިރިހެނަކަށް އިތުބާރުކުރަން ބޭނުން ނުވާކަމަށެވެ.
ބޮޑުދައިތަ ވިސްނައިދިނެވެ. "ދަރިފުޅާއެވެ. ބައްޕަ ކަންތައްކުރިގޮތް ރަނގަޅުކުރަނީއެއް ނޫނެވެ. ނަމަވެސް އެކަން ހިތުގައި އަޅައިގެން ދަރިފުޅު ކައިވެނި ނުކޮށްފިނަމަ އެކަމުގެ ގެއްލުން އޮތީ ދަރިފުޅަށެވެ. ބައްޕަކުރިކަމެއް ވަނީ ކޮށް ނިމިފައެވެ. އެކަން ނުކުރާ ކަމަކަށް ނުވާނެއެވެ. ބަދަލުހިފަންވެސް ކުރަންވާނީ އެކަމެއް ކުރުމުން ތިމާއަށް ފައިދާހުރި ކަންކަމެވެ. ތިމާއަށް ގެއްލުންހުރި ކަންކަން ކުރެވޭނަމަ އެކަމުންވެސް އުފާވެރިކަން ލިބޭނީ އަނިޔާވެރިވި މީހާއަށް ނޫންހެއްހެވެ؟"  
މިމޭރުމުން ބޮޑު ދައިތަ ވަރަށް ގިނަ ފަހަރުމަތިން ދިން ނަޞޭޙަތްތަކުގެ ސަބަބުން ޝަޒްމާގެ ވިސްނުން ބަދަލުކޮށް ރަށުގެ ރަނގަޅު މީހަކާއި ކައިވެނިކޮށް ދިރިއުޅެން ފެށިއެވެ. ދިރިއުޅެން ފެށިތަނާ ބައްޕަ ޝަޒްމާ ހޯދަން މާލެއިން ރަށަށް އައިސް ބައްދަލުކުރިއެވެ. މާފަށް އެދުނެވެ.
ބުންޏެވެ. "އެއިރު އެކަން ކުރެވުނީ ޒުވާންޢުމުރުކަމުން ނުވިސްނުނީމައެވެ. މަންމަ މަރުވުމުން ލިބުނު ހިތާމަތަކަށް ކެތްނުކުރެވުނީމާ ފުރައިގެން މާލެދެވުނީއެވެ. މިއަދު ބައްޕައަކީ ތަނަވަސް މީހެކެވެ. އަމިއްލަ ގެދޮރުވެސް މާލޭގައި އެބަހުއްޓެވެ. ބައްޕައާއިއެކުގައި އުޅެން މާލެ ހިނގާށެވެ. ބޮޑުދައިތަ ގޮވައިގެން ވިޔަސް އެންމެ ރަނގަޅެވެ."
ޖަވާބުގައި ޝަޒްމާ ބުންޏެވެ. "ބައްޕަގެ ލޯތްބަށް އެންމެ ބޮޑަށް ބޭނުންވި ދުވަހު އޮތީ ނުލިބިފައެވެ. މިއަދަކު ބައްޕަގެ ލޯބި ބޭނުމެއް ނޫނެވެ. ބައްޕަގެ ތަނަވަސްކަމުންވެސް ބޭނުމެއް ނޫނެވެ. ބައްޕަ އެދުނު ފަދައިން ބައްޕައަށް މާފުކޮށްފީމެވެ. އެއީ ބައްޕައަށް އަހަރެންގެ ފަރާތުން އެއްވެސް ބުރައެއް ނުބޭއްވުމަށެވެ."
ކޭޝްކާޑެއް ދިއްކޮށްލާފައި ބައްޕަ ބުންޏެވެ. "މާލެ ނުދާނެނަމަ ކުރާނެ ކަމެއް ނެތެވެ. މިކާޑުގައި ދަރިފުޅަށް ފްލެޓެއް ގަނެދޭން ޖަމާކޮށްފައި ހުރި 5 މިލިއަން ރުފިޔާ ހުންނާނެއެވެ. ބައްޕަ ދިން ހަދިޔާއެއްގެ ގޮތުގައި ޤަބޫލުކުރާށެވެ."
ޝަޒްމާ ބުނީ ބައްޕަގެ ތަނަވަސްކަމުން އެއްވެސް މިންވަރެއް ބޭނުން ނުވާކަމަށެވެ. ކާޑުގައި ނުހިފާނެ ކަމަށެވެ. ބައްޕައަށް ޖެހުނީ އައި އެއްވެސް ބޭނުމެއް ނުފުދި ހުސްއަތާ އެނބުރިދާށެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ދަރިންނަށް ލޯބިދީ އަޅާލަންޖެހޭ ދުވަހު އެކަންކަން ނުކޮށްފައި، ދިން އަނިޔާގެ ބަދަލު ފަހުން ފައިސާއިން ދޭން މަސައްކަތްކުރިނަމަވެސް އެކަމުން ކުރާނެ ފައިދާއެއް ނެތެވެ. ފަހަރެއްގައި ކުއްޖަކު ފައިސާގެ ބޭނުމުގައި ބައްޕައަށް މާފުކުރިކަމަށް ބުނެފައި ބައްޕަ ދޭ ފައިސާގައި ހިފައިވެސްފާނެއެވެ. ބައްޕަގެ ތަނަވަސްކަމުގައި ދިރިއުޅެވެސްފާނެއެވެ. ލިބުނު އަނިޔާގެ ބަދަލު ޢަމަލުން ނުހިފައިވެސްފާނެއެވެ. ނަމަވެސް ލިބުނު އަނިޔާގެ ހަނދާންތައް ދާއިމަށް ދެމިހުންނާނެއެވެ.
ވީމާ ޝަޒްމާގެ ބަސްތަކުންވެސް އެނގުނީ އޭނާގެ ހިތަށް ލިބުނު އަނިޔާގެ ބަދަލުފައިސާއިން ނުދެވޭނެ ކަމެވެ. ވީމާ ދަރިން ބާކީކޮށް އެއްލައިނުލާށެވެ. ކޮންމެ ޙާލެއްގައިވެސް ދަރިންނަކީ ދަރިން ކަމަށް ދެކެގެން އުޅޭށެވެ.
 
- ނިޢުމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ