ސޫރިޔާގެ ރައްޔިތުން ޤައުމަށް އެނބުރި އައުމަށް އެ ޤައުމު އަދި ތައްޔާރެއް ނޫން: އދ

13 އަހަރަށް ދެމިގެންދިޔަ ސޫރިޔާގެ އަހުލީހަނގުރާމަ ނިމުމަކަށް އައުމާ ގުޅިގެން ޤައުމުން ބޭރުގައި ދިރިއުޅެމުން ދިޔަ ސޫރިޔާގެ ރައްޔިތުން ބައިބޯކޮށް ސޫރިޔާއަށް އެނބުރި އަންނަ ނަމަ އެ ޤައުމުގައި ހުރި އުމްރާނީ ވަޞީލަތްތަކާއި ޚިދުމަތްތަކަށް ނުކަތާވަރު ވެ އަނެއްކާވެސް އެ ޤައުމުގައި ހަމަނުޖެހުން އުފެދިދާނެ ކަމަށް އދގެ ހިޖުރަކުރުމާ ގުޅޭ ޖަމުޢިއްޔާއިން ބުނެފިއެވެ.
އދގެ ހިޖުރަކުރުމާ ގުޅޭ ޖަމުޢިއްޔާއިން ބުނީ 2025ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ސޫރިޔާގެ އެއް މިލިޔަނަށް ވުރެ ގިނަ ރައްޔިތުން ޤައުމަށް އަނބުރާ ދާނެ ކަމަށް ބެލެވޭ ކަމަށެވެ. ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ނިމުމަކަށް އައިސް ހަނގުރާމަ ނިމުމުން ވިލާތުގެ ބައެއް ޤައުމުތަކުން މިހާރު ވެސް ވަނީ ޙިމާޔަތް ހޯދުމަށް އެދޭ ސޫރިޔާގެ ރައްޔިތުންގެ ފޯމުތައް ބަލައިގަތުން މެދުކަނޑާލައިފައެވެ.
އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަންގެ ޑިރެކްޓަރ ޖެނެރަލް އޭމީ ޕޯޕް ވިދާޅުވީ މިހާރު ވެސް ބަލިކަށިވެފައިވާ ސޫރިޔާގެ މުޖުތަމަޢުތަކަށް އެއްފަހަރާ މިލިޔަނެއްހާ މީހުން އެތެރެ ވެއްޖެ ނަމަ އިތުރު ހަމަނުޖެހުންތައް އުފެދުން ގާތް ކަމަށެވެ. ސޫރިޔާ އަލުން އާރާސްތު ކުރުމަށް ދޭ އެހީތެރިކަން އިތުރުކުރަން ގޮވައިލައްވަމުން ޕޯޕް ވިދާޅުވީ ސޫރިޔާގެ މިހާރުގެ ޙާލަތު އޮތް ގޮތުން ގިނަ ޢަދަދެއްގެ މީހުން އެއް ފަހަރާ ޤައުމަށް އެނބުރި އައުމަށް ހިތްވަރު ނުދޭ ކަމަށެވެ. އަދި އެކަމަށް އެ ޤައުމުގެ މުޖުތަމަޢުތައް އަދި ތައްޔާރު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ހަނގުރާމައިގެ ޙާލަތު ނިމުނު ކަމުގައިވީ ނަމަވެސް އެހެން ޤައުމުތަކުން ސޫރިޔާގެ ރައްޔިތުން އަނބުރާ ޤައުމަށް ފޮނުވައިލުމުގައި އަވަސް އަރުވައި ނުލައި އެކަން މަޑުޖައްސައިލަން އެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕޯޕް އިތުރަށް ވިދާޅުވީ ސޫރިޔާގައި އައު ވެރިކަމެއް ޤާއިމުކުރަމުން ދާ ވަގުތެއްގައި ޤައުމުގެ ރައްޔިތުންގެ މެދުގައި ކުރިމަގާ މެދު ނުތަނަވަސްކަން އޮތް ކަމަށެވެ. އަސަދުގެ ވެރިކަން ވައްޓާލުމުގައި މައި ދަޢުރެއް ޢަދާ އެ ޤައުމުގެ ހަނގުރާމަވެރި ޖަމާޢަތް ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް) ވެރިކަމުގެ ކަންކަމާ ޙަވާލުވެފައި ވާއިރު އެ ޖަމާޢަތުން ޤައުމު ހިންގުމުގައި ގެންގުޅޭނީ ކޮން ކަހަލަ ފިކުރަކާ މެދުތޯ ރައްޔިތުންގެ މެދުގައި ސުވާލު އުފެދިފައިވާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ސޫރިޔާ ދޫކޮށް ގިނަ ޢަދަދެއްގެ މީހުން އަދިވެސް ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ