ނިޒާމު މިހާރު އޮތް ގޮތުން ދޮގު ތުހުމަތުތަކެއް އުފައްދައިގެން ފަނޑިޔާރުން ވަކިކުރުމަކީ މާ އުނދަގޫ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޒު ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ. ފައްޔާޒު ވިދާޅުވީ ރައީސްގެ މުށުތެރޭގައި އޮތް މަޖިލީހާއި، ޖޭއެސްސީ އަދި އޭސީސީ ބޭނުންކޮށްގެން ދޮގު ތުހުމަތުތަކެއް އުފައްދައިގެން ފަނޑިޔާރުން ވަކިކުރުމަކީ ރައީސަށް މިހާރަކު މާ އުނދަގޫ ކަމެއް ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގައި ރައްޔިތުންގެ ބަހެއް ހޯދުން ލާޒިމުވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަންޖެހޭ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ދެކިވަޑައި ގަންނަވައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަކިކުރުމަކީ ފަސޭހަ ކަމަކަށް ވެގެން ނުވާނެ ކަމަށް ފައްޔާޒު ވިދާޅުވެއެވެ.
ސްޕްރީމް ކޯޓުން ފަނޑިޔާރުން ވަކިކުރުމުގައި އޮންނަންވާނީ ރައްޔިތުންގެ ތާއީދު ލިބޭ އިންސާފުވެރި ސަބަބެއް ކަމަށް ވާންވާނެ ކަމަށް ފައްޔާޒު ވިދާޅުވެއެވެ. ފައްޔާޒުގެ ހުށަހެޅުއްވުމަކީ ރައްޔިތުންނާ ގުޅުންހުރި ކަންކަން ނިމިގެންދަނީ ރައްޔިތުންގެ ރުހުން އޮވެގެންކަން ޔަގީންކުރެވޭނޭ ގޮތަށް ގާނޫނުއަސާސީގައި ލިޔެ ތަފްސީލުކުރުމެވެ.
ކުރެވުނު ތަޖުރިބާއަށް ބަލާއިރު ސުޕްރީމް ކޯޓުގެ މިނިވަންކަން ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ އަތްމަތީގައި ބޭއްވުމަކީ އެކަށީގެންވާ ގޮތެއް ނޫން ކަމަށް ޔަގީން ކުރެވިއްޖެކަމަށް ފައްޔާޒު ވިދާޅުވިއެވެ. ދާދިފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވަކިކުރީ ޖޭއެސްސީން ހިންގި ގައިރު ގާނޫނީ ތަހުގީގަކަށް ފަހު ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން އެ ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީކަން ފައްޔާޒު ފާހަގަކުރައްވައެވެ.
ސުޕްރީމް ކޯޓުން ފަނޑިޔާރުން ވަކިކުރުމުގައި ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރު ލިމިޓު ކުރެވިދާނެ ކަމަށާއި މަޖިލީހުން ފަނޑިޔާރަކު ވަކިކުރަން ފާސްކުރުމުން އެ ނިންމުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ލާޒިމު ކުރެވިދާނެ ކަމަށް ފައްޔާޒު ވިދާޅުވެއެވެ. މަޖިލީހުގެ ނިންމުމަށް ރައްޔިތުން ތާއީދު ކޮށްފިނަމަ ފަނޑިޔާރު ވަކިވާނެ ކަމާއި ރައްޔިތުންގެ މަޖިލީހުގެ ނިންމުމަށް ރައްޔިތުން ތާއިދު ނުކޮށްފިނަމަ ސުޕްރީމް ކޯޓުގެ ބެންޗުގައި އެފަނޑިޔާރަކަށް ދެމިހުރެވޭނެކަން ކަށަވަރު ކުރެވިދާނެ ކަމަށް އަލްއުސްތާޒު ފައްޔާޒް އިސްމާއީލް ވިދާޅުވެއެވެ.
އެގޮތަށް ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކީ ސިޔާސީ ގޮތުން އަންނަ ހަމަލާތަކުން ސަލާމަތް ވުމަށް ފަނޑިޔާރުންނަށް ދެވޭނެ ބޮޑު ހިމާޔަތެއް ކަމަށްވާނެކަމަށް ފައްޔާޒު ވިދާޅުވެއެވެ. ރައްޔިތުންގެ ބަހަކާއި ނުލައި ގާނޫނުއަސާސީގައި ބަޔާންކުރާ ބާރެއްގެ ވެރިން ބަދަލު ކުރެވިގެން ނުވާނެ ކަމަށް ފައްޔާޒު ދެކިވަޑައި ގަންނަވައެވެ.
ދޮގުތުހުމަތު އުފައްދައިގެން ފަނޑިޔާރުން ވަކިކުރުމަކީ މިހާރު އުނދަގޫ ކަމެއްނޫން: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ