އިދިކޮޅު އެމްޑީޕީން އާދަޔާހިލާފު ކޮންގްރެސްއެއް ބޭއްވުމާ މެދު ގޮތެއް ނިންމަން އަންނަ ހޮނިހިރު ދުވަހުގެ ރޭ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި އެވެ.
ތަފްސީލް - އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި ހޮނިހިރު ދުވަހުގެ ރޭ 8:30ގައި އެ ޕާޓީގެ އޮފީސް، ގ. ނިއުޝާގައި ބާއްވާ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ، އެމްޑީޕީގެ ކުރިމަގު ބައްޓަން ކުރުމަށް ލީޑާޝިޕުން އެކުލަވާލާފައިވާ މަގުޗާޓުގައި ހިމެނޭ ދެ ކަމެކެވެ. އެއީ:
ލީޑާޝިޕްގެ ރެޕިޑް ރެސްޕޮންސް ޓީމެއް އެކުލަވާލުން
އާދަޔާހިލާފު ކޮންގްރެސްއެއް ބޭއްވުމާ މެދު ގޮތެއް ނިންމުމާއި އެ ކޮންގްރެސްއާ ގުޅޭ ގޮތުން ނިންމަން ޖެހޭ ކަންކަން ނިންމުން
ފާހަގަކޮށްލެވޭ - އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސްއެއް ބޭއްވުމާ މެދު ގޮތެއް ނިންމަން ގައުމީ މަޖިލިސް އެއްކުރަން މި ނިންމީ، ބައެއް ބަދަލުތައް ގެންނަން ކޮންގްރެސްއެއް ބޭއްވުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަސައްކަތްކުރައްވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.
އަޑު އިވޭ ގޮތުގައި، ސޯލިހު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ލީޑާޝިޕް އެކުލެވޭ ގޮތަށް ބަދަލުތަކެއް ގެންނަން ކޮންގްރެސްއެއް މެދުވެރިކޮށް ގޮތެއް ނިންމުމަށެވެ.
އެނގުން މުހިންމު - އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސްއެއް ބޭއްވުމުގެ މަސައްކަތް ރަސްމީކޮށް މި ފެށީ، ޕާޓީގެ އެތެރޭގައި ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ބޮޑުވެފައި ވަނިކޮށެވެ. އެގޮތުން:
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ރިޔާސީ ޕްރައިމަރީގެ ޝައުގުވެރިކަން ފާޅުކުރައްވާފައި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކާމިޔާބު ހޯއްދެވެން އޮތް ފުރުސަތުތައް ބެލުމުގެ މަސައްކަތް، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ ފައްޓަވާފައި
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރިޔާސީ ޓިކެޓަށް ޕާޓީގެ އެތެރޭގައި ގެންދަވަނީ ކެމްޕެއިން ކުރައްވަމުން
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަޕޯޓަރުން އެމަނިކުފާނު ނުކުތުމަށް ކެމްޕެއިނެއް ވަނީ ފަށާފައި؛ ސޯލިހު ނުކުންނަވާނެ ކަމުގެ އަޑުތައް ގަދަ
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މާލޭގެ މޭޔަރު އާދަމް އާޒިމާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް (ސައްލެ)ގެ ނަން ވެސް އިވެމުންދޭ
އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް އޮންނަ މުއްދަތުގެ ބޭރުން ބާއްވާ އާދަޔާހިލާފު ކޮންގްރެސްގެ ބައްދަލުވުމެއް އެންމެ ފަހުން އޮތީ 2018ގަ އެވެ. އެއީ އޭރު ރިޔާސީ ޕްރައިމަރީއަކުން ޓިކެޓު ލިބިވަޑައިގަތް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އޭރު އިއްވާފައިވާ ޖަލު ހުކުމެއްގެ ސަބަބުން ވާދަނުކުރެއްވޭނެތީ، ސޯލިހަށް ޓިކެޓު ދިނުމަށް ބޭއްވި ކޮންގްރެސްއެކެވެ.
އާދަޔާހިލާފު ކޮންގްރެސްއެއް ބާއްވަން ނިންމަން އެމްޑީޕީގެ ގައުމީ މަޖިލިސް އެއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ