އުރީދޫއިން ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 3 ރުފިޔާ 43 ލާރި ދިނުމަށް ނިންމައިފި


އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ބޭއްވި ޖަލްސާގައި، 2024 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 3 ރުފިޔާ 43 ލާރި ދިނުމަށް ނިންމައިފިއެވެ. މީގެއިތުރުން، 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓުވެސް ވަނީ ފާސްކޮށްފައެވެ.
އުރީދޫއިން ހާމަކުރި ގޮތުގައި، މި އަހަރުގެ ޑިވިޑެންޑް ލިބޭނީ 18 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އަދި 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު 21 ފެބްރުއަރީ 2025 ގެ ކުރިން އާންމުކޮށް ޝާއިޢުކުރެވޭނެއެވެ.
އުރީދޫ މޯލްޑިވްސްއިން މިއަހަރުގެ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި، 2024 ވަނަ އަހަރަށް ހުށަހަޅާ ޑިވިޑެންޑާއި އަހަރީ ރިޕޯޓު ފާސްކުރުމަށް ހިއްސާދާރުންނަށް ހުށަހެޅޭނެއެވެ. ހިއްސާދާރުން މި ޑިވިޑެންޑް ފާސްކޮށްފިނަމަ، މާރިޗު މަހުގެ ތެރޭގައި ޑިވިޑެންޑް ބެހުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ކުންފުނިން ބުނެއެވެ.
އަހަރީ އާންމު ޖަލްސާއާ ގުޅޭގޮތުން، ކުންފުނިން ވަނީ 22 ފެބްރުއަރީ 2025 ގެ ކުރިން ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ ކުންފުނީގެ ވެބްސައިޓުގައި އާންމުކުރާނެކަމަށް ބުނެފައެވެ. މި ނޯޓިސްގައި ޖަލްސާ ބޭއްވޭނެ ތާރީޚާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތަކާއި އަދި ވޯޓުލުމާ ގުޅޭ އެންމެހައި މަޢުލޫމާތު ހިމެނޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ